ރައްޔިތުން ބޭނުންވާ ތަރައްގީގެ ހެއު ބަދަލު ގެނެސްދޭނީ މިސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އުތުރުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިހާރު ކުރަށްވާ ދަތުރުފުޅުގައި ހދ. ކުމުންދޫއަށް ވަޑައިގެން އެޕާޓީގެ މެމްބަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރައްޔިތުން އެދޭ ތަރައްގީގެ ހެއު ބަދަލު ގެނެސްދޭނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުން އެދޭގޮތަށް އާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އެމަނިކުފާނުގެ ސަރުކާރަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ އެ ތަރައްގީގެ ބަދަލާއެކު ކުރިއަށް ދާންތޯ ނުވަތަ ތަރައްގީ މަޑުޖެހި ފަހަތަށް ދާންތޯ މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި މެމްބަރުން ނިންމާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ވަރަށް ސާފު، މި ޕްރައިމަރީގެ ނަތީޖާ އަކީ މިއަށް ޖަވާބު ލިބޭނެ ނަތީޖާއެއް، އެހެންވީމާ ސާފުކޮށް ވިސްނާފައި ފުންކޮށް މިއާ ދޭތެރޭގައި އަދި އެއްފަހަރު ވިސްނަވާފައި ތިބޭފުޅުންގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންނާއި ރަށްރަށުގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުންނާއި އެކަންތައްތައް ސާފްކޮށްދެއްވާ، ރައްޔިތުން ތި ބޭނުންވާ ބަދަލު ތަރައްގީގެ ކުރިއެރުން ހަމަ ގައިމު ވެސް ގެނެވޭނީ މި ސަރުކާރު ދެމިއޮވެގެން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހދ. އަތޮޅުގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކުރީ އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ. އެގޮތުން މަކުނުދޫއަށް 40 މިލިއަން ރުފިޔާ ނޭކުރަންދޫއަށް 37 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން