3 އަހަރަށްފަހު ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

2020 ވަނަ އަހަރަށްފަހު ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް އައުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޗައިނާ ޓޫރިސްޓުން ގޮވައިގެން އެ ގައުމުގެ ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ރާއްޖެ އައީ ފްލައިޓް ޖޭޑީ 455އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމަށް ފަހު ޗައިނާއިން ރާއްޖެއަށް އެޅި ފުރަތަމަ ފްލައިޓެވެ.



އެއަރޕޯޓްގައި ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު ރާއްޖެއާއި ޗައިނާގެ މަތީ ފަންތީގެ ވަފުދެއް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އެރައިވަލް ޗާޓްތަކުގެ އެއްވަނައިގައި އޮތް ގައުމެވެ. ކޯވިޑް-19 އާއި ގުޅިގެން ގާތްގަނޑަކަށް ތިން އަހަރަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އައުޓްބައުންޑް ޓްރެވަލަށް ޗައިނާ އަލުން ހުޅުވާލާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

2019 ވަނަ އަހަރު 284،029 އެރައިވަލްސް (%16.7) އާއެކު ރާއްޖޭގެ ޓޮޕް ސޯސް މާކެޓަކީ ޗައިނާ އެވެ. ކޮވިޑް-19ގެ ސަބަބުން މި އަދަދު 2020 ވަނަ އަހަރު ވަރަށް ބޮޑަށް ދަށްވެ، 34،245 ފަތުރުވެރިން (%6.2) އާ އެކު 6 ވަނައަށް ވެއްޓި، ޖެހިގެން އައި ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރަށް ދަށަށް ދިޔައެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަދަކީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ އާ ބާބެއްގެ އުޖާލާ ފެށުމެއް ކަމަށެވެ.

"އަނެއްކާވެސް ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް ފެށުމަކީ އަޅުގަނޑުމެން އިންތިހާއަށް އުފާކުރާ ކަމެއް. ކޮވިޑް-19ގެ ކުރިން ގިނަ އަހަރުތަކަކަށް ޗައިނާއަކީ އަޅުގަނޑުމެންގެ އެއްވަނަ ސޯސް މާކެޓް. ދެ ޤައުމުގެ ދެމެދު ފްލައިޓްތައް އަލުން ފަށައިގަތުމާއެކު ޗައިނާއަނެއްކާވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކުގެ ލިސްޓުގައި ހިމެނިގެންދާނެ ކަމާމެދު ޝައްކެއްނެތް." ތައްޔިބް ވިދާޅުވިއެވެ.

ދުނިޔޭގައި ކޮވިޑް-19 އެންމެ ހަލުވިކޮށް ފެތުރެމުންދިޔަ ދަތި ދުވަސްތަކުގައިވެސް އެމްއެމްޕީއާރުސީއިން ޗައިނާ މާކެޓުގައި ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގ މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔައެވެ. މި ގޮތުން 2020 ވަނަ އަހަރު ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ޖުމްލަ 14 ހަރަކާތެއް ހިންގިއެވެ. އަދި 2021 ވަނަ އަހަރު މި މާކެޓަށް އަމާޒުކޮށްގެން 08 ހަރަކާތެއް ހިންގާފައި ވާއިރު، ހަރަކާތްތަކުގެ ޖުމްލަ ރީޗް އަކީ 10.2 މިލިއަނެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު 05 ހަރަކާތެއް ހިންގާފައިވާއިރު، 14.7 މިލިއަނަށް ހަރަކާތްތަކުގެ ރީޗް އަރާފައިވެއެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ބޯޑަރުތައް އަލުން ހުޅުވާލާއިރު ޗައިނާގެ ފަތުރުވެރިންގެ "ޓޮޕް އޮފް ދަ މައިންޑް" މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން