އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ގިނަ ފައިދާތަކެއް ކުރަމުންދާކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއިން 3 އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ ރާޢްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އިންޑިއާއިން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ފަސޭހައިން އެޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމުގެ އިތުރަށް ކާބޯތަކެތި އިންޑިއާއިން ފޯރުކޮށްދިންކަމަށެވެ.

ޝާހިދު ވިދާޅުވީ މިދިޔަ އަހަރުވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށެވެ. މީގެއިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވުމަށް ކުރާ މަސައްކަތުގައި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ކުރެޑިޓަށްވެސް އިންޑިއާއިން އެއަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން. 2000 ސޯޝަލް ހައުސިން އެޅުމަށްޓަކައިވެސް އިންޑިއާއިން އެހީތެރިކަން އެބަފޯރުކޮށްދޭ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ޖައިޝަންކަރު ވަނީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި މިހާރު ވެވުނު އެއްބަސްވުމުގެ ދަށުންވެސް ރާއްޖެއަށް އެތައްގޮތަކުން ފައިދާތަކެއް ވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިމެމުންދިއުމަށް އުއްމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ރާޢްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރުމަށްޓަކައި އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް ސްކީމަށްވަނީ 100 މިލިއަން ރުފިޔާ އިތުރުކޮށްދީފައެވެ. މިސްކީމްގެ ދަށުން މިހާރު 25 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 2 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން