ބިލެއްފަހީގައި އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ފެށި, އަމަލީ މަސައްކަތް ކުރާތަން ފެންނާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކަނޑިތީމު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ށ. އަތޮޅުގެ މިހިރަ ކުދި ރަށްތަކަކީ ޒަމާނުއްސުރެ އަޅާނުލެވި ހުރި ރަށްތަކެއްކަމަށެވެ. އަދި އެއީ މުޅިން އެކަހެރިކޮށް ދޫކޮށްލެވިފައި ހުރި ރަށްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ސިޔާސަތަކަށްވީ ދިރިއުޅޭ ރަށުގެ ކުޑަ ބޮޑުމިނަށް ނުބަލާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށާއި، އެގޮތުން ކަނޑިތީމު ދާއިރާގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށް ރައީސް ވިދާޅުވިއެވެ.

"ފެނާއި ނަރުދަމާ ހުރިހާ ރަށަކަށް ވެސް ބޭނުންވާނެ. މި ދައުރު ނިމިގެން ދާއިރު ރާއްޖެގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއް ރަށް އަނެއް ރަށާއި ގުޅާލައިގެން ނޫނީ އިގްތިސާދީ މަންފާ ނުލިބޭނެކަމަށާއި ދަތުރުފަތުރުން މުޅި ރާއްޖެ ގުޅާލުމަކީ އެމްޑީޕީގެ ވައުދެއްކަމަށެވެ. އެކަމަކު އެ ވައުދު އެންމެ ރަނގަޅަށް ފުއްދަމުން ދަނީ މި ސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިންވެސް އެމަސައްކަތް ފެށި ނަމަވެސް، އެކަން ވެގެންދިޔަ ގޮތް އެންމެނަށް އެނގޭ. ރަނގަޅު ޕްލޭނެއް ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެންދިޔަ ގޮތް މިއަދު މިއޮތީ ފެންނަން. މިއަދު އަޅުގަނޑުމެން މިއުޅެނީ އެކަންކަން ހައްލު ކުރަން ޖެހިގެން. މި ސަރުކާރުން ފެށި އާރުޓީއެލްގެ ހިދުމަތް މިއާދު ހުރިހާ ރަށަކަށް އެދަނީ ލިބެމުން. އޭގެ އެތައް ފައިދާތަކެއް ރައްޔިތުންނަށް ދަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިލެއްފަހީގެ އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ފެށި އަމަލީ މަސައްކަތް ކުރާތަން ފެންނާނެކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ބަޔަކާއި ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ފައިސާ ލިބިފައި، ޓެންޑަރަޒް ލާފައި އޮތީ. އަޅުގަނޑު އުއްމީދުކުރަނީ ދެން މި ރަށަށް އަންނައިރު އެ މަސައްކަތް ކުރެވޭ ތަން ފެނުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑިތީމު ދާއިރާއަށް 168 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާކަމަށެވެ. އަދި މިއީ މިއިން ޒަމާނެއްގައިވެސް މި ދާއިރާއަށް ކޮށްފައިވާ ހަރަދެއް ނޫންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތަކަކީ ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދޭންކޮށްދޭ މަސައްކަތްތަކެއްކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާންކަމަށާއި މަޑުޖެހިފައި، ފަހަތަށް އެނބުރި ދާން ބޭނުމެއް ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން