ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ކެޕްޓަން ރާމޯސް
ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ކެޕްޓަން ރާމޯސް
މަލޯކާ އަތުން މޮޅުވެ ރެއާލް މެޑްރިޑު އަނެއްކާވެސް ސްޕެނިޝް ލީގުގެ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ. ރޭގެ މެޗް ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗްގެ 19 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ މެޗްގެ ލީޑު ނަގައިފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ލުކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝްއަސް ޖޫނިއާއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

ރޭގެ މެޗްގައި ރެއާލުން ޖެހި ދެވަނަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފް ފެށުނުތަނާ އެވެ. މަލޯކާގެ އެންޓޯނިއޯ ރައިލޯ ޕެނަލްޓީ އޭރިއާ ބޭރުން ބޯޅަ ކްލިއާ ކޮށްލަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ހިލޭ ޖެހުމަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

މި ނަތީޖާ އެކު ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 31 މެޗް ކުޅެ 68 ޕޮއިންޓާ އެކު ޓޭބަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ބާސާއަށް ވެސް 31 މެޗް ކުޅެ 68 ޕޮއިޓް ލިބިފައިވާއިރު، ރެއާލަށް އަށް ކުރި ލިބެނީ ހެޑް ޓު ހެޑް އިންނެވެ.

ސްޕެނިޝް ލަލީގާގައި އަންނަ ހޮނިހިރު ދުވަހުގެ ބާސާ އާއި ސެލްޓަވިގޯ ބައްދަލު ކުރާއިރު، އެމެޗަކީ ދިވެހިންނަށްވެސް ވަރަށް ޚާއްސަ މެޗަކަށް ވާނެއެވެ. އެ މެޗު ފެށުމުގެ ކުރިން ގެނެސްދޭ އިސްތިހާރުގެ ވަގުތުކޮޅުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަވިގޯ އިން ވަނީ ރާއްޖެ އިސްތިހާރުކުރުމަށް ތިން އަހަރަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން އިސްތިހާރުކުރުމަށް ރާއްޖެއިން އަހަރަކު 900،000 ޑޮލަރު ހަރަދުކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން