ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަންނަ ނޮވެމްބަރުމަހު ރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވާނެކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. އަތޮޅަށް ރައީސް ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ޝާހިދު ދެއްކެވި ވާހަކަފުޅު ފެއްޓެވީވެސް ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވަމުންނެވެ.

"ﷲގެ އިރާދަފުޅުން މި 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހު އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނެ އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު." ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ މިލަންދޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން މިލަންދޫއަކީ ހިތްވަރުގަދަ ރައްޔިތުންތަކެއް އުޅޭ ރަށެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

"އަޅުގަނޑު ކުޑަކޮށް ނިދިޖެހިލާ، މަޑުޖެހިލާ ގޮތް ވަންޏާ އެންމެ އަންނަ ހިތްވާ ތަނަކީ މިލަންދޫ. މިލަންދޫއަށް އަރާލީމަ އަންނަ ޖޯޝާއި ފޯރި މިހެން އަނގައިން ބުނެލުމުން އިހުސާސް ކުރެވެނީ ހަމައެކަނި މިލަންދޫއަށް އަންނަ މީހުންނަށް. ސާބަހޭ މިލަންދޫއަށް، ތިހިރަ ހިތްވަރު ގަދަކަމަކަށް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް ދައްކަވާ ވާހަކަތަކަށް މިލަންދޫ އެމްޑީޕީ ޖަގަހައިން ވަރަށް ފުރިހަމައަށް ޖަވާބު ދީފައިވާކަމަށެވެ.

"އެމްޑީޕީ ޖަގަހައަށް ވަނީމަ އެނގޭ މިލަންދޫ މީހުންނަކީ ތަންދޮރު އެނގޭ، ވަށައިގެން ހިނގާ ކަންކަން އެނގޭ ބައެއްކަން. އެމްޑީޕީ ޖަގަހައިގެ ފާރުތައް ބަލާލީމަ އެނގޭ ވާދަވެރި ކެނޑިޑޭޓް ދައްކަވާ ވާހަކަތަކަށް ޖަވާބު ދެއްވައިގެން ތި ތިއްބަވަނީ. އަޅުގަނޑު ހިތަށް އަރާ ސަހަރޯއޭ.. މި އާދެވުނީއޭ އަދި ރަށަކަށް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިލަންދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްދީފައިވާކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލްތައްވެސް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ތަހުޒީބު ބަޔަކު އުޅެންޏާ ތަރައްގީއަށް އުއްމީދުކުރާނެކަމަށާއި ޕްރައިމަރީ އިންތިހާބަކީ އެ އުއްމީދުތައް ހާސިލުކުރަން ކުރާ ދަތުރެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން