ކުދި ރަށްރަށުގައި އުޅޭ ރައްޔިތުންވެސް ދައުލަތަށް ޓެކްސް ދައްކާކަމަށާއި، އެހެންވީމާ އެރަށްރަށުގެ ރައްޔިތުންނަށްވެސް ތަފާތު ކުރުމެއް ނެތި ތަރައްގީ ލިބެންޖެހޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިލަންދޫގައި މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިލަންދޫ ދާއިރާގައި ހިމެނޭ ނަރުދޫއާއި ފީވަކަކީ ކުރިން ބާކީކޮށްފައި އޮތް 2 ރަށްކަމަށެވެ. އަދި އެ ދެ ރަށުގައި އެއްވެސް ވެރިކަމެއްގައި ތަރައްގީއަށްޓަކައި މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ރަށެއްކަންވެސް އޭރު ވެރިކަމުގައި ތިބި މީހުން ހަނދާނެއް ނެތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ 4 އަހަރު ތެރޭގައި މި ދެ ރަށަށްވެސް ގިނަ އިންވެސްޓްމަންޓްތަކެެއް ކުރެވިއްޖެކަމަށެވެ. އެއީ ރައްޔިތުންގެ ލާބައާއި ފައިދާއަށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް އެކަނި 236 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ކުޑަ ރަށްރަށަށް ކުރާ ހަރަދުތަކަކި ބޭކާރު ހަރަދުތަކެއްކަމަށް ބައެއް ބޭފުޅުން ސިފަ ކުރެއްވިޔަސް، އެއީ ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއްކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވެދާނެ މިއީ ބޭކާރު ހަރަދެކޭ. މި ރަށްރަށުގެ ރައްޔިތުން އެގޮތަކަށް ބަލައެއް ނުގަންނާނެ. ރައްޔިތުން އެއީ. ޓެކްސް ދައްކާ. ކީއްވެގެންތޯ އެރަށުގައި އުޅޭ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބެންވީ. ސިއްހީ ހިދުމަތް ނުލިބެންވީ، ދަތުރުފަތުރުގެ ހިދުމަތް ނުލިބެންވީ ކީއްވެތޯ. އަޅުގަނޑުމެން އެއްވެސް ރައްޔިތެއް، އެއްވެސް ރަށެއް ބާކީ ކުރުމެއް ނޯންނާނެ. އަޅުގަނޑުމެން ދަނީ އެންމެންނާއެކު ކުރިއަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ކަމަކަށް ކަމެއް ކުރާ އުސޫލުން ނޫންކަމަށާއި، ކަންކަން ކުރަނީ ދުރާލާ ރާވައިގެން، ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އަދި އެއްވެސް ޕްލޭނެއް ނެތި މީގެކުރިން ކުރި މަސައްކަތްތަކުގެ ސަބަބުން ދިމާވި ކަންކަން ރައްޔިތުންނަށް އެނގޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ އެފަދަ ކަންކަމުން އަދިވެސް މި ސަރުކާރަށް އުޅެނީ އަރައިނުގަނެވިގެންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން