ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރާކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަނީ އުންމީދު ކަމަށެވެ. ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތް ހުރިހާ ހިސާބަކުން ފެންނަމުންދާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެެމަނިކުފާނު، ވިދާޅުވީ ރައްޔިތުން މިހާރު ބޭނުން ވަނީ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބުމާއި ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ކަމަށެވެ. އަދި ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ލިބުމާ ދަރިންނަށް ރަނގަޅު ތައުލީމެއް ލިބުމަކީވެސް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އޭގެތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ޔަގީންކަން ލިބިއްޖެ މި ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރާކަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އޮތީ އަނިޔާވެރި ބިރުވެރި ދުވަސްތަކެއް ކަމަށާއި، އެ ދުވަސްތައް އަލުން ދެކެން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މިވެރިކަމުގައި ރާއްޖެއަށް ހަމަޖެހުން ގެނެވިއްޖެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ގެނެވުނު ހަމަޖެހުމާއި އާންމު ރައްޔިތުންނަށް މި ގެނެސްދެވުނު ހިތްހަމަޖެހުމާއި މިނިވަންކަން އެއީ އޭގެ ކުރީގެ ފަސް އަހަރު ރައްޔިތުން ތަހައްމަލު ކުރި ދަތި އުނދަގޫތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޯލިޝަނެއް ގޮވައިގެން އުޅުއްވުމުގެ ގާބިލްކަން ހުންނެވި ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ފަހު އެހެން ޕާޓީތަކުގެ މީހުންނަށް ވެސް ވިސްނައި ދިނުމަށާއި އެކަމުގައި މެމްބަރުންގެ އެހީތެރިކަމަށް ރައީސް ވަނީ އެޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިިގެންފައެވެ.

"މި ޕްރައިމަރީ ނިމިގެންދާ ގޮތަކުން އެނބުރި އަނެއްކާވެސް މަގުމަތިވާން ޖެހިދާނެ. އެއީކީއެއް ހަމަ ގައިމު ވެސް ރައްޔިތުން އެދޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން