މިފަހަކަށް އައިސް މީސް މީޑިއާގައި ސިޔާސީ ގޮތުން ޚިޔާލުފާޅުކުރެއްވުމުގައި ވަރަށް ހަރަކާތްތެރިކޮށް ފެންނަމުންދާ އަދާލަތު ޕާޓީގައި އިސްކޮށް އުޅުއްވާ ޑރ. މުޙައްމަދު އިޔާޒަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އަދާލަތު ޕާޓީގެ ފަރާތުންނެވެ. އަދާލަތު ޕާޓީގެ ތަރުޖަމާނު ޢަލީ ނަޒީރު ހޯމަދުވަހު ވިދާޅުވީ، އެ ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފު މެރުމަށް، މީސްމީޑިއާގައި ގޮވާލާ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށްއެދި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.


ނަމަވެސް، މި މައްސަލައިގެ ތަފުސީލެއް ނަޒީރު ނުދެއްވައެވެ.



އާންމުގޮތެއްގައި ޑރ. އިޔާޒު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެ ދުވަސްވަރަކު ހިނގާ ހަރަކާތްތަކާއި ކުރެވޭ ހޫނު ބަހުސް ތަކާއި ޒުވާބު ތަކުގައި މީސް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ހިޔާލު ފާޅުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މިދުވަސްވަރު ސިޔާސީ މަސްރަހުގައި އެންމެ ވާދަވެރިކަމުގައި ހިނގަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅޭގޮތުން މީސް މީޑިއާގައި ހިނގަމުންދާ ބަހުސްތަކާއި ޒުވާބުތަކާއި ބަހުގެ ހަމަލާތަކުގައި ވެސް ޑރ. އިޔާޒު ގެންދަވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު