އޮންލައިން ޓްރޭޑިން ވިޔަފާރި ހިންގި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކިންގްސް ކެޕިޓަލްސް އަކީ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު ހިމެނޭ ކުންފުންޏެކެެވެ. އެކުންފުނިން ހިންގާ ސްކީމެއްގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައިވާއިރު އެ ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ވަނީ ހިފަހައްޓާފައެވެ.

އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކިންގްސް ކެޕިޓަލްސް ކުންފުނިން ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އެމައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުުކުމުގައި ބުނެފައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުން ކަމަށާއި، އެކަމަކު އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އެއްބަސްވުމަކާ ޚިލާފްވެއްޖެނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ކިންގްސް ކުންފުނީގެ ފައިސާ ހިފަހައްޓާފައިވާ މައްސަލައިގައި 14 ދުވަހުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކެޕިޓަލް ހޯލްޑިންގްސްއަށް މަނީ ލޯންޑަރ ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކެއް ކޮށް ތަހުގީގުތަކެއް ފުލުހުން މިހާރު ވަނީ ފަަށާފައެވެ. އެމައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ އޮފީސް ބަލައި ފާސްކޮށް މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ފޯނު ވެސް ވަނީ ހިފެހެއްޓިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން