އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމާ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައަޅައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސްް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއެވެ.

ޕްރައިމަރީގެ ކެމްޕެއިން ދެ ބޭފުޅުންވެސް ފޯރިއާއެކު ކުރިއަށް ގެންދަވާއިރު، ކެމްޕެއިން ނިންމާ ޖަލްސާ ބާއްވާނެ ދުވަސް ދެ ކެންޑިޑޭޓުންވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި، ރައީސް ސާލިހުގެ ކެމްޕެއިން ނިންމުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ އައްޑޫ ސިޓީގައެެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ހިތަދޫގައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން މައުލޫމާތުދޭ ގޮތުގައި ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަން ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ މާލޭގައެވެ. މި ޖަލްސާ އޮންނާނީ މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް ދެ ކެންޑިޑޭޓުންވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފައެވެ. އަދި މި ދަތުރުތަކުގައި ދެ ބޭފުޅުންގެ ކެމްޕެއިން ވައުދުތައް ރައްޔިތުންނަށް ވަނީ ހާމަކުރަށްވާފައެވެ.

އަނެއްކޮޅުން އެމްޑީޕީން ދަނީ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިގޮތުން ރަށްރަށަށް ވޯޓް ފޮއްޓާއި ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން