އެމްޓީސީސީން ވިލިމާލޭގައި ފަށާފައިވާ ބަހުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ އާރުޓީއެލްގެ ބަހުގެ ހިދުމަތް ވިލިމާލޭގައި ފެށީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެމްޓިސީސީން ވިލިމާލޭގައި ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާއި ރަށްޓެހި އިލެކްޓްރިކް ބަސްތަކެކެވެ.

އެމްޓިސީސީން ބުނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން ބަސް ދުއްވަން ފެށި ދުވަސް ފިޔަވާ ދެން މިދިޔަ ކޮންމެ ދުވަހަކު އެވެރެޖްކޮށް 1000 މީހުން ބަހުގެ ބޭނުން ހިފައިފިއެވެ.

އެމްޓިސީސީން ބުނީ މިދިޔަ ހަތަރު ދުވަހު 8100 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަހު 462 މީހުން، ހޮނިހިރު ދުވަހު 1733 މީހުން، އާދިއްތަ ދުވަހު 2517 މީހުން އަދި އަންގާރަ ދުވަހު 3393 މީހުން ވަނީ ބަހުގެ ހިދުަމަތް ހޯދާފައެވެ.

އެމްޓީސީސީން ބުނީ ވިލިމާލޭގައި ބަސް ދަތުރުތަކަށް ބޭނުންކުރަނީ އެ ކުންފުނިން އެންމެފަހުން ރާއްޖެ ގެނައި ތިމާވެއްޓާ ރައްޓެހި 6 (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސްތައް ކަމަށެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓް ހަރުކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ބަސްތަކުގައި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ކަމަށާއި ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ ދެ ހަފްތާގެ މުއްދަތައް ބަސް ދަތުރުތައް މުޅިން ހިލޭ ވާނެ ކަމަށާއި، ބަސްދަތުރުތައް ކުރާނީ ހެނދުނު 5:35 އިން ރޭގަނޑު 00:00 އަށް ކަމަށެވެ. އަދި ހިލޭ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ފަހުންވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

"މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ގޮތަށް ރިއާޔަތް ކުރުމަށްފަހު. ސްކޫލާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗު ސަރަހައްދުތައް ފަދަ ތަންތަނަށް ފަސޭހައިން ދެވޭނެ ގޮތްތައް ވަނީ ބެލެވިފައި،" އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީން ބުނީ ކުރިއަށް އޮތް ތަނުގައި ބަހުގެ ހިދުމަތް ދޭ ރޫޓުތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ. ހަމައެއާއެކު އާރް.ޓީ.އެލް. ވިލިމާލޭ ބަހުގެ ރޫޓް މެޕާއި ޝެޑިއުލް، އާރް.ޓީ.އެލް. ވެބްސައިޓާއި އެޕް މެދުވެރިކޮށް ބަލާލެވެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން