ހަ ރަށެއްގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ޕްލޭނިންގ މިނިސްޓްރީން ކޮންޓްރެކްޓަރުންނާއެކު ސޮއި ކޮށްފިއެވެ.

މިއެއްބަސްވުން ތަކުގައި ސޮއި ކޮށްފައިވަނީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު ސޮއިކޮށް މަސައްކަތް ހަވާލުކުރި މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނެނީ 42،364،108.79 ރުފިޔާއަށް ފ. ނިލަންދޫގެ ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމާއި 21،526،897.50 ރުފިޔާއަށް ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމާއި 43,887,261.94 ރުފިޔާއަށް ގއ. ވިލިނގިލި ހިއްކި ބިން އަދި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުތައް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

ފެނަކައިގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މީގެ އިތުރުން ދެން ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 59،919،360.12 ރުފިޔާއަށް ބ. ދަރަވަންދޫ އާއި 11،438،118.00 ރުފިޔާއަށް ރ. ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ދެން މިއަދު ހަވާލުކުރި މަޝްރޫއަކީ އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެމަސައްކަތް 20،338،480.63 ރުފިޔާއަށް ހަވާލު ކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަނާއެވެ. މި އެއްބަސްވުމުގައި ސާސް-އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ.

މަ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން