އަލަށް އުފަންވާ ކުދިން ރަޖިސްޓްރީކުރުން ލަސްވެގެން ބޮޑު އަދަދަކުން ޖޫރިމަނާ ވުމުގެ ބިރު އުފެދޭންޖެހޭ ސަބަބެއް ނެތްކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުން ބުނެފިއެވެ.

ދާދިފަހުން ތަންފީޒުކުރަންފެށި "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" އަށް ގެނައި އިސްލާހާއިއެކު އުފަންވާ ކުދިން 7 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފިނަމަ 10000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

ނަމަވެސް، އެކަން ހިނގާގޮތާއިމެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް އެކަމަށް ދީފައިވާ މުއްދަތު ކުރުކަމުގެ ސަބަބުން އުފަންވާ ކުއްޖާ އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވި ހިނގައްޖެނަމަ 10000 ރުފިޔާއިން ޖޫރިމަނާވުން ބަލައިގަންނަން ރައްޔިތުންނަށް ވަނީ ދަތިވެފައެވެ.

މި މައްސަލާގައި ޑީއެންއާރުން މިއަދުވަނީ ބަޔާނެއް ނެރެފައެވެ. އެކަން ހިނގާގޮތް ބަޔާންކޮށްދީ އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިން އަމަލުކުރާގޮތާއި ހިލާފަށް ޕޯޓަލެއް ގާއިމު ކުރެވުމުން، މިހާރު އަމަލު ކުރަމުންދާ ގޮތަކީ، ކުއްޖަކު އުފަންވުމުން ކުއްޖާ އުފަންވާ ތަނަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު އެންޓަރ ކުރުމުން އެ ޕޯޓަލުން ފޫޅުމާފޯމް ޕްރިންޓްކޮށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހަވާލު ކުރުންކަމަށެވެ.

އަދި އެކުއްޖަކު އުފަންވި ރަށެއްގެ ކައުންސިލަށް ފޫޅުމާފޯމް ސިސްޓަމްގެ ތެރެއިން ވަގުތުން ފޮނުވުމުން އޭގެތެރެއިން އެކުއްޖާ އުފަންވުން ރަޖިސްޓްރީ ކުރެވުނީކަމުގައި ބެލެވޭނެ ކަމަށް ޑީއެންއާރުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ މަރުހަލާއަކީ އުފަންވާ ވަގުތު ކުރިއަށްދާ މަރުހަލާއެއްކަމުން ކުއްޖަކު ރަޖިސްޓްރީނުވެ ޖޫރިމަނާވުމުގެ ބިރެއް ނޯންނާނެކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ބައެއް ކައުންސިލްތަކުން ދަނީ، ފޫޅުމާ ފޯމް ޕޯޓަލަށް އަޅާފައި ހުރިނަމަވެސް، އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާގޮތަށް އަމަލު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން