ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫންމަހުން ފެށިގެން ބޮޑު ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އިއުލާންކޮށްފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ އެލަވަންސް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލާ ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރާނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފްތާތެރޭ ހުޅުމާލޭގައި ހުޅުވާނެކަމަށެވެ.

މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތަށް އަމާންވެށީގެ 7 މަރުކަޒު ގާއިމުކޮށް އެތަންތަނަށް ކުދިން ބަދަލުކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"19 އަތޮޅުގައިވާ ފެމެލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ތަކަކީ މިކަމަށް ޚާއްޞަ މަރުކަޒުތައް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކާ އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ޚިދުމަތަށް ނެރެފައި" ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ސަރުކާރުންދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަން ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން