އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމުން ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާއިން ބައެއް މެމްބަރުން ބޭރުކުރުމުގައި އަންހެން ސެކިއުރިޓީން އިސްކޮށް ހަރަކާތްތެރިވުމުން ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު 9:00 ޖެހިއިރު މަޖިލީހުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙިމް މުހައްމަދު ސާލިހުގެ ވާހަކަފުޅަށް ހުރަސް އަޅަން މަސައްކަތްކޮށްފައެވެ. އެގޮތުން ރައީސް ހުންނެވި ޕޯޑިއަމް ކައިރިއަށް ގޮސް މެމްބަރުން އަޑުގަދަ ކުރައްވާފައިވެއެވެ.

ޖަލްސާއަށް ހުރަސް އަޅަން ފެށުމުން މަޖިލީހުގެ ރައީސް ވަނީ ޖަލްސާއަށް ހުރަސް އަޅަމުންދިޔަ މެމްބަރުންގެ ނަން އިއްވާފައެވެ. ނަމަވެސް މެމްބަރުން ތަޅުން ދޫކޮށް ނުދިއުމުން މަޖިލީހުގެ ރިޔާސަތުން ވަނީ ޖަލްސާ މެދުކަނޑާލާފައެވެ.



ރިޔާސީ ބަޔާނަށް ހުރަސްއެޅުމުން މަޖިލީހުން ބޭރުކުރި އިދިކޮޅު މެންބަރުން ނެރުމުގައި އަންހެން ސިފައިން އިސްކޮށް ހަރަކާތްތެރިވެފައިވާތީ ފާޑުވިދާޅުވި ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ރިޔާސީ ބަޔާން ހުށައެޅުމާ ދެކޮޅުހެދުމަކީ އެމީހަކު އެވަގުތަށް މަޖިލިސް ހޯލުން ނެރެންވާނެ ކަމެއް ކަމެއްކަމަށެވެ.

"ނަމަވެސް ކީއްވެތޯ ބޮޑު ސިންގާ ފިރިހެނަކު ބާރުގެދަށަށްގެންނަން ދެ އަންހެން ކަނބަލުން މިއުޅުއްވަނީ؟ އެކަމާ އިސްނަގައި އެކަން ކުރަންވާނީ ފިރިހެނުން ނޫންތޯ! މީ ބަލަން ވ ހުތުރު މަންޒަރެއް!" ޒައިދު ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ ޖަލްސާ އަލުން ފަށައި، ރިޔާސީ ބަޔާން އިއްވެވީ ޖަލްސާއަށް ހުރަސް އެޅި އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށްފަހުއެވެ.

ރިޔާސީ ބަޔާނަށް ހުރަސް އެޅުމަކީ 2012 ގައި އެމްޑީޕީން ތައާރަފްކުރި ކަމެކެވެ. އޭގެފަހުން ކޮންމެ ވެރިކަމެއްގައިވެސް މި މަންޒަރުތައް ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން