ސަރުކާރުން ޤާއިމްކުރާ ސަބްމެރިން ކޭބަލްގެ ހިދުމަތް އަންނަ ސެޕްޓެމްބަރުމަހު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އިންޓަރނެޓްގެ ޒަރިއްޔާއިން ކުރެވޭ މުޢާމަލާތަކާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ ކުރިއަށް އޮތް ތަނުގައި މުހިންމުވާނެ ބަދަލެއްކަމަށާއި ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާއިއެކު އޭގެ ސްޕީޑް އިތުރަށް ތަރައްޤީވާން ޖެހޭކަމަށެވެ. އަދި ސަރުކާރުގެ ސަބްމެރިންކޭބަލްއާއެކު އިންޓަރނެޓްގެ ސްޕީޑަށް އިތުރު ފަހިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސަބްމެރިން ކޭބަލް ޖޫންމަހު ރާއްޖެ ގެނެވި، އޭގެ ހިދުމަތް ސެޕްޓެމްބަރުމަހު ފޯރުކޮށްދެވޭނެކަމަށެވެ.

"ސަރުކާރު ޝާމިލްވާ އާ ސަބްމެރިންކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށްއޮތް 5 މަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ." ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ކޭބަލާއެކު ރާއްޖޭގައި އިންޓަރނެޓުގެ އަގު ހެޔޮވެ، އިންޓަރނެޓްގެ ސްޕީޑަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށެވެ.

ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސްއިން ރިލަޔަންސް ޖިއޯ ކުންފުންޏާއިއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ސަރުކާރުން ޤާއިމްކުރާ ސަބްމެރިން ކޭބަލްގެ އިތުރުން، ދިރާގާއި އުރީދޫ މޯލްޑިވްސްއިން ދަނީ ސްރީލަންކާއާ ދެމެދު ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތްކުރަމުންނެވެ.

މި ޕްރޮޖެކްޓަށް ދިރާގުން 8.4 މިލިއަން ޑޮލަރު ޚަރަދުކުރެއެވެ. އަދި އުރީދޫއިން 9 މިލިއަން ޑޮލަރު މިޕްރޮޖެކްޓަށް ޚަރަދުކުރާނެއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން