މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ނޫން ކަމަށާއި ބަޔާނަށް ހުރަސް އެޅުއްވީ އެހެންވެގެން ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. އެގޮތުން ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން މަޖިލީހުގެ ތެރޭގައި އިދިކޮޅުގެ މެމްބަރުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އިހުތިޖާޖުކޮށް އަޑުގަދަ ކުރަށްވާފައެވެ.

ރިޔާސީ ބަޔާން އިއްވަން ހުރަސްއެޅި އިދިކޮޅުގެ ބައެއް މެމްބަރުންގެ ނަން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމުން ވެސް މެމްބަރުން ނިކުމެވަޑައިނުގަތުމުން މަޖިލީހުގެ ސިފައިންގެ އެހީތެރިކަމާއެކު އެ މެމްބަރުން މަޖިލިހުގެ ތަޅުމުން ވަނީ ގަދަކަމުން ނެރެފައެވެ.

އެކަމާ ގުޅިގެން ޕީޕިއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ރައީސަކީ މިހާރު ނައިބު ރައީސް ފައިސަލް ނަސީމް ކަމަށާއި ރިޔާސީ ބަޔާން ދެއްވަން ޖެހޭނީ އެމަނިކުފާނު ކަމަށެވެ. ގާނޫނު އަސާސީއާއި ހަވާލާ ދެއްވައި ޝިޔާމް ވިދާޅުވީ ރިޔާސީ ބަޔާން ދެެއްވަންޖެހޭނީ ރައީސުލްޖުމުހޫރިއްޔާ ކަމަށެވެ. އެހެންކަމުން އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނަކީ ގާނޫނު އަސާސީ އާއި ޚިލާފަށް ދެެއްވި ބަޔާނެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކަރުފުޅުގެ އޮޕަރޭޝަނެއް ކުރައްވަން ރައީސް ކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރައްވައި، އެމަނިކުފާން ރައީސް ކަމުގެ ހުވާ ކުރައްވާފައިވާ ކަމަށެވެ. އޭގެ ފަހުން އިބްރާހިމް މުހައްމަދު ސޯލިހާ ވެރިކަން ހަވާލު ކުރި ކަމެއް ދިވެހިންނަށް ނޭނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން ވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން