އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ގައި ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާއާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލާފައެވެެ. މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރުމަށް ހިންގި ހަރަކާތުގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.

އެގޮތުން މިއަދުގެ މުޒާހަރާގެ ތެރެއިން ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަހީދުގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން މަގުމައްޗަށް ވެއްޓި ހޭނުތުމުން ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު މިހާރު ހޭ އަރާފައިވީ ނަމަވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދި އަވަސް ގޮތަކަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއާ ހަވާލާދީ ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން