އިދިކޮޅު ޕީޕިއެމުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ގައި އަނިޔާވެފައިވަނީ ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދަށެވެ. އޭނާގެ ހާލު ސީރިއަސްވެ މިހާރު ވަނީ ރާއްޖެއިން ބޭރަށް ގެންގޮސްފަ އެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަހީދުގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާއަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިރޭގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާ އަށް ލަންކާ އަށް ފުރުވާލާފައެވެ. ފުލުހުން މިރޭ މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެ ނޫސްވެރިޔާ ވެއްޓުނީ ފުލުހުން މުޒާހަރާ ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިޔަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިއަދުގެ ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަޑްސް ކޮމާންޑުން ކުރަމުން ގެންދާ ކަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާއާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލާފައެވެެ. މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރުމަށް ހިންގި ހަރަކާތުގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. މިއަދުގެ މުޒާހަރާގައި 11 މީހުން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން