ގިނަ ވަސީލަތްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި ޖިމެއް ހުޅުވައިފިއެވެ.

މިއަދު މަޖިލީހުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި ޖިމް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ އިސް ބައެއް މުވައްޒަފުން ވެސްވަނީ ބައިވެރިވެފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ އިމާރާތުގެ 12 ވަނަ ފަންގިފިލާގައި މިއަދު ހުޅުވި ޖިމަކީ މަޖިލިސް މެންބަރުންނާއި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުވުނު ޖިމެއް ކަމަށެވެ.

ޖިމަށް ބަލާލާއިރު ކަސްރަތުގެ އެންމެހާ ކަންކަމަށް ބޭނުންވާނޭފަދަ އެންމެފަހު އާލާތްތައް އެ ތަނުގައި ގާއިމުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.



މަޖިލީހުގެ ގޯތިތެރޭގައި އަލަށް އިމާރާތްކުރި 13 ފަންގިފިލާގެ އިމާރާތަކީ މިފަދަ އެނޫން ބޭނުންތައްވެސް ހިފޭގޮތަށް ފަރުމާ ކޮށްފައިވާ އިމާރާތެކެވެ. 2011 ވަނަ އަހަރު އާރްސީއެންސީއާއި ހަވާލުކޮށްގެން އިމާރާތްކުރި މި އިމާރާތުގެ މަސައްކަތް މުޅިން ނިންމާ މަޖިލީހާއި ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު