މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ
މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ
ކެޕްޓަން ހެރީ މެގުއާ ކާމިޔާބުކޮށްދިން ގޯލާއެކު 2-1 އިން ނޯވިޗް ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ނޯވިޗްގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން ދެޓީމް އެއްވަރުވެގެންނެވެ. މި މެޗްގެ ފުރަތަމަ ގޯލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ، ދެ ވަނަ ހާފުގެ ހަ ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ އެވެ. ނޯވިޗުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ޒުވާން މިޑްފީލްޑަރު ޓޮޑް ކަންޓްވެލް އެވެ. މެޗުގެ 89 ވަނަ މިނެޓުގައި ނޯވިޗަށް ކުޅޭ ޖަރުމަނު ޑިފެންޑަރު ޓިމް ކްލޯސޭ އިގާލޯ އަށް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނި ރަތް ކާޑު ދައްކައިފަ އެވެ.

ދެވަނަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. އެހެންކަމުން މެޗްގެ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފް ވަނީ ކުޅެފައެވެ. އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ޑިފެންސް ކޮށްގެން ނޯވިޗުން ކުޅުނުއިރު ޔުނައިޓެޑްގެ މުޅި ޓީމު ކުޅުނީ ކުރިއަށް ޖެހިގެންނެވެ. މެޗުން މޮޅުވި ގޯލު އިތުރު ވަގުތުގެ ފަހު ހާފުނިމެން 2 މިނެޓަށް ވެފައި ވަނިކޮށް އެންތޮނީ މާޝިއަލްގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ ޔުނައިޓެޑްގެ ހެރީ މެގުއާ އެވެ.

މި ސީޒަނުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޔުނައިޓެޑުން ކަށަވަރު ކުރިއިރު ބާކީ ތިން ޖާގަ މިރޭ ޔަގީންވާނެ އެވެ. ރާއްޖެ ގަޑިން 17:00 ގައި ޝެފީލްޑް ޔުނައިޓެޑާއި އާސެނަލް ބައްދަލު ކުރާއިރު، 20:00 ގައި ލެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރާނެއެވެ. އަދި 22:30 ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން