މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ގްރީން ފަންޑުން 74.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ގްރީން ފަންޑަށް ޖަމާވީ 100.7 މިލިއަން ރުފިޔާއެވެ. މި ފަންޑަށް ޖަމާވަނީ ގްރީން ޓެކުހުގެ ގޮތުގައި ނަގާ ފައިސާއެވެ.

ގްރީން ފަންޑުން ޖެނުއަރީ މަހު 74.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކަށެވެ. އެހެންކަމުން ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ 798.8 މިލިއަން ރުފިޔާ އެވެ

ޖެނުއަރީ މަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ފަންޑަށް 37 މިލިއަން ރުފިޔާ ލިބިފައިވާއިރު އދ. އަތޮޅުން 12.4 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވެއެވެ.

ފާއިތުވި އަހަރު ނިމުނު އިރު ގްރީން ފަންޑު ގައި 972.9 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި މި އަހަރުގެ ގްރީން ފަންޑަށް އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން