އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމް
އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ހުށަހަޅުއްވާފައިވާ އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އެމައްސަލައަކީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ، އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެފްއޭއެމް ހިންގަމުންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނު އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ގަވާއިދުގައި ވާ ގޮތުގެ މަތިން އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީއަށް އެންގުމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުމަށް އެ ކުއްލި މައްސަލާގައި ވަނީ އެދިފައެވެ.

އޭގެ އިތުރުން އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއް ފަހަރު، ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށާއި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް ވެސް އުފަންކޮށްފައި ނެތް ކަމަށް އެ މައްސަލާގައި ވަނީ ބުނެފައެވެ. ހަމަ އެހެންމެ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރުން އިސްތިއުފާދިނުމުން، އެ މެމްބަރުންގެ ބަދަލުގައި ކޮމިޓީއަށް އައްޔަން ކުރެވުނު ފަރާތްތައް އެފްއޭއެމް ކޮންގްރެސްގައި އިންތިޚާބު ކޮށްފައި ނުވާކަމާއި، ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީން އެފްއޭއެމްއިން އެކްސްކޯ ބައްދަލުވުންތައް ކުރިޔަށް ނުގެންދާ މައްސަލަވެސް ކުއްލި މައްސަލާގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށްގެން ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ "ހ" ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވާ ކަމަށްވެސް މައްސަލައިގައި ބުނެފައި ވެއެވެ.

އެހެންކަމުން އާޒިމް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލައި ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އާޒިމް ހުށައެޅުއްވި މިޤަރާރު މަޖިލީހުގައި ބަހުސް ކުރުމަށް މަޖިލީހުގެ 31 މެމްބަރުން ވޯޓު ދެއްވައިގެން ވަނީ ފާސްކޮށްފައެވެ. މިޤަރާރު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން