ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޭފުޅުންކޮޅެއް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ބައްދަލުކުރަށްވައިފިއެވެ.

ނިމިފިޔަ ހަފުތާ ބަންދުގައި ބޭއްވެވި މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިން ހިންގާ ކުރެއްދޫ އައިލެންޑް ރިސޯޓްގައެވެ. މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ރައީސް ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ބައިވެރިވެެވަޑައިގެންނެވިއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ރައީސް ސާލިޙަށް ތާއިދު ހޯދައި އެމަނިކުފާނަށް އުއްޗުގެ އެއްބާރުލުން ހޯދުމާއި ގުޅޭގޮތުންނެވެެ.

މީގެ ކުރިން ރައީސް ނަޝީދު ވެސް އުއްޗު އާއި ބައްދަލުކުރަށްވައި މަޝްވަރާތަކެއް ކުރަށްވާފައި ވެއެވެ.

ރައީސްގެ އަރިސް ބޭފުޅުން ކޮޅެއް އުއްޗު އާއި ބައްދަލުކުރަށްވާފައިވާއިރު، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާޓީ އެމްޑީއޭ އިން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިޙަށް ތާއިދު ކުރުމަށް ނިއްމައި އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު