ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާއި މަނާކުރުމާއި ގުޅޭ ގަވާއިދަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ތިމާވެއްޓާބެހޭ ވުޒާރާއިން އިއްޔެ ހުޅުވާލައިފިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ އެ ޤަވާއިދަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޤަވާއިދަށް ޙިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެވުޒާރާގެ ވެބްސައިޓުގައިވާ ލިންކު ނުވަަތަ އެވުޒާރާގެ ޓްވިޓަރ ޕޯސްޓްގައިވާ ކިއުއާރްކޯޑުން ޚިޔާލު ހުށައަޅާނެ ގޮތުގެ ޓެމްޕްލޭޓް ލިބޭނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ ފައިވާ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީޤު ކުރެއްވީ 10 ނޮވެމްބަރ 2021 ގައެވެ.

އޭގެއިތުރުން ކުނިމެނޭޖްކުރުމުގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވަނީ 20 ޑިސެމްބަރ 2022 ގައެވެ.

ރައީސްގެ ޤަރާރުގައި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ވަކި ތާރީޚްތަކަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން