އެމްޑީޕީ ފަނިކާން ދޫކޮށްލައިގެން ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނުހުންނަވާނެކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު މަގާމުން ވަކިކުރުމަކީ ރައީސް ސާލިހުގެ އެއްވެސް އަގަލެއް ނެތްކަމުގެ ސާފު ހެއްކެއްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވުމުން އޭނާއަށް ރައްދު ދެއްވަމުންނެވެ.

ވައްޑެ ކުރި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި އެމްޑީޕީ ފަނޑުނުވެ، ހިފެހެއްޓެވި އެންމެ އިސް އެކަކީ ޝިފާޒުކަމަށެވެ. އަދި ރައީސް ސާލިހު ވެރިކަމަށް އާދެވުމުގައި ރައީސް ސާލިހަށްވުރެވެސް ބުރަ މަސައްކަތާއި ގިނަ ވަގުތު ދެއްވީވެސް ޝިފާޒުކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން‏ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުނުކުރައްވާ ބޭފުޅުން މި ވީހާ ދުވަހު ބައިތިއްބައިގެން ހުންނެވީ ރައީސް ސާލީހުގެ ރަނގަޅުކަމުންކަމަށެވެ. އަދި މުނާފިގުން ގޮވައިގެން ހަނގުރާމައެއް ނުކުރެވޭނޭކަމަށާއި އެމް.ޑީ.ޕީ ފަނިކާން ދޫކޮށްލައިގެން ރައީސް ޞާލިޙު ހުންނަވާނެ ކަމަށް ހީކުރުމަކީ "ފިކުރޭމެންގެ" މޮޔަކަންކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރީ މިއަދުއެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން