އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗްގެ ތެރެއިން
އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗްގެ ތެރެއިން
ސްޕެނިޝް ލަލީގާއި ރޭ އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗް އެއްވަރުވެ ލީގު ހޯދުމަށް އެޓީމުން ކުރަމުންދާ އުންމީދު އިތުރަށް ފަނޑުވެއްޖެއެވެ.

ލީގުގެ އެއްވަނައަށް އެރުމަށް ކޮންމެހެން މޮޅުވާން މަޖުބޫރު މި މެޗު ނިމިފައިވަނީ، 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. ރޭގެ މެޗުން ބާސެލޯނާ މޮޅުވިނަމަ އެޓީމަށް ވަގުތީގޮތުން ތާވަލުގެ އެއްވަނަ އަށް ޖެހިލެވުނީހެވެ. ލީގު ތާވަލުގެ އެއްވަނައިގައި މިހާރު ރިއާލް މެޑްރިޑް އޮތީ ބާސެލޯނާ އަށްވުރެ އެއް މެޗް މަދުން ކުޅެ އެއްޕޮއިންޓްގެ ލީޑަކާ އެކުއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރިއާލް މެޑްރިޑް އިން ގެޓަފޭ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ރެއާލް މެޑްރިޑާއި އަރައި ހަމަކުރަން ބާސެލޯނާއަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ އެތްލެޓިކޯގެ ޑިއެގޯ ކޯސްޓާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ބާސެލޯނާ އިން އެ ގޯލް ޖެހިތާ މާގިނަ އިރެއް ނުވެ އެޓީމުގެ ވިޑާލް ޕެނަލްޓީ އޭރިއާ ތެރެއިން އެތްލެޓިކޯގެ ކަރަސްކޯ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އެޓީމަށް ޕެނަލްޓީއެއް ދީފައެވެ.

އެ ޕެނަލްޓީ ގޯލަށް ވައްދައިގެން އެތްލެޓިކޯއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ސައުލް ނިގުއެޒް އެވެ. ރޭގެ މެޗްގައި ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ކެޕްޓަން މެސީ ވަނީ އޭނާގެ ކެރިއަރުގައި 700 ވަނަ ގޯލް ޖަހާފައެވެ. މެސީ ލަނޑުޖެހިތާ 12 ވަރަކަށް މިނެޓު ފަހުން އެތްލެޓިކޯ މެޑްރިޑުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗް ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

މި ނަތީޖާއާ އެކު، 32 މެޗުން 71 ޕޮއިންޓް ހޯދައި ލީގުގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. 33 މެޗުން ލިބުނު 70 ޕޮއިންޓާއެކު ބާސާ ދެވަނައިގައި އޮތް އިރު އެތްލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ 59 ޕޮއިންޓް ހޯދައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން