ކުރީގެ ރުމާލު ޖަގަހަ ހަދާފައިވަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށާއި އެތަން ހުސްކުރީ އެކިފަހަރު މަތިން އިއުލާންކުރުމަށްފަހު ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިން ކަމަށެވެ. އެގޮތުން ކުރީގެ ރުމާލު ޖަގަހައާއި ޓޯޔާރޑާއި ދެމެދު ހަދާފައިވާ ގުދަނަކީވެސް މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ ހަދާފައިވާ ބިމެއްގައި ހުރި ގުދަނެއް ކަމަށް ބަޔާނުގައިވެއެވެ. އެހެންނަމަވެސް އެ ގުދަން ހަދާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން ނޫންކަމަށް އެ ކައުންސިލުން ބުނެއެެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނީ މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން އެ ކައުންސިލުގެ ލިއެކިއުންތަކުންވެސް އެނގެން ނެތްކަމަށެވެ. އެހެންކަމުން އެ ގުދަނަކީ ޤަވާއިދާ ޚިލާފަށް، މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބޭނުން ކުރަމުންދާ ތަނަކަށްވާތީ އެ ގުދަނުގައި ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތެއް ހޯދުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނުވެސް ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެކަން ކައުންސިލަށް ނާންގާނަމަ، ނުވަތަ އެކަމާ ގުޅޭ ލިއެކިއުންތައް ހުށަނާޅާނަމަ، ގުދަން ރޫޅާލައި އެތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އިއުލާނުވެސް ކުރިކަމަށް ސިޓީ ކައުންސިލުން ބުންޏެެވެ.

އެހެންނަމަވެސް 2023 ވަނަ އަހަރުގެ މާރޗު މަސް ނިމިގެންދިޔައިރުވެސް އެއްވެސް ފަރާތަކުން އެގޮތަށް އަމަލުކޮށްފައިނުވާތީ އެކައުންސިލުން ވަނީ އެއީ ވެރިފަރާތެއް ނެތް ތަނެއްގެ ގޮތުގައި ބަލައި އެތަން ހުސް ކުރުމަށް ނިންމާފައި ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް ގުދަން ހުސްކުރުމަށް ބެލިއިރު އެތަނުގައި މުދާތަކެއް ހުރިކަން އެނގުމާއެކު އެތަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދިޔައީކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅު ހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް މާލޭ ސިޓީކައުންސިލުން ގެންގޮސްފައިވާ ކަމަށެވެ. އެމައްސަލަ އެ މިިނިސްޓްރީން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން