ބޯކޮށް ވާރޭވެހުމުން މާލޭގެ މަގުތަކުގައި ފެން ބޮޑުވަނީ ކުރީ ސަރުކާރުން ފެން ހިންދާ ނިޒާމް ޑިޒައިންކޮށްފައިވާ ގޮތުންކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ މިއަދު މާލެއަށް ވެހުނު ވާރޭގައި ބޮޑުވި ފެންގަނޑު ނުހިނދެނީ ޕަމްޕުތައް ނުޖައްސާތީކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުންނެވެ.

މުއިއްޒު ވިދާޅުވީ ފެން ހިންދަން އެހާ ގިނައިރު ނަގަނީ ޕަމްޕުތައް ނުޖައްސާ ނުވަތަ އެ އެއްޗެހި މަސައްކަތް ނުކުރާތީކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ނަމަވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވަނީ މުއިއްޒުގެ ވާހަކަ ދޮގުކުރައްވާފައެވެ. ޝާހު ވިދާޅުވީ ފެން ހިންދާ ޕަމްޕުތައް ބަރާބަރަށް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ފެން ހިންދުމުގައި ދަތިތަކެއް ކުރިމަތިވަނީ އޭގެ ކެޕޭސިޓީ ކުޑަވުމުންކަމަށްވެސް ޝާހު ވިދާޅުވިއެވެ.



ޝާހު ވިދާޅުވީ ކުރީ ސަރުކާރުގައި މުއިއްޒުގެ މިނިސްޓަރުކަމުގެ ދަށުން ގާއިމްކޮށްފައިވާ ނިޒާމަކީ ވާރޭ ހުއްޓާލާތާ 2-3 ގަޑިއިރުގެ ތެރޭގައި ފެން ހިންދާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއްކަމަށެވެ. އަދި އެ ނިޒާމުގެ ކެޕޭސިޓީ މިއަދު ހުރީ 9 ކިލޯވޮޓްގައިކަމަށާއި އެތައް އިރެއް ވެގެން ދިޔައިރުވެސް، ފެން ނުހިނދުނީ ކެޕޭސިޓީގެ މައްސަލައަކުންކަމަށެވެ.

ޝާހު ވިދާޅުވީ މާލެގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެން ހިންދާ ނިޒާމުގެ ކެޕޭސިޓީ 13 ކިލޯ ވޮޓަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދި ކުރި ސަރުކާރުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށްފައިވަނީ ބަލަންޖެހޭ ކަންކަމަށް ނުބަލާކަމަށް ޝާހު ވިދާޅުވިއެވެ.

މާލެއަށް މިއަދު ހެނދުނު ވެހުނު ވާރޭގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވީ މާފަންނުގައެވެ. އަދި ފެންގަނޑު ހިންދުމަށް 5 ގަޑިއިރަށްވުރެ ގިނައިރު ހޭދަވިއެވެ.

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއަދު މާލެއަށް ވަނީ އާދަޔާ ހިލާފަށް ވާރޭ ވެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން