"ފިކުރެއްގެ ދިރުމުގެ" ނަމުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން މެންބަރުންނާއި ވަކިވަކިން ބައްދަލުކުރަން މިއަދު ނިންމައިފިއެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕާލިމަންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ވަކިކޮށް އެ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް ޕީޖީ ގުރޫޕަށް ހުށައަޅުއްވާފައިވަނީ އެމްޑީޕީގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އެެވެ.

އެމައްސަލަ އާއި ގުޅޭގޮތުން މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމުގެ ކުރިން ވަކިވަކި މެންބަރުންނާ ޕީޖީ ލީޑަރޝިޕްގެ ފަރާތުން ބައްދަލުކޮށް އެ މެންބަރުން ނިންމާ ގޮތުގެ ރިޕޯޓެއް ހަފްތާއެއްގެ ތެރޭގައި ޕީޖީއަށް ހުށަހެޅުމަށް މިއަދު ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި، މެމްބަރު މުޣުނީ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި، ކޮމިޓީތަކުގައި ވެސް އެ ރޫހުގައި އެެމެމްބަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނަޝީދު ފެކްޝަންގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެމްބަރުން ކަމަށާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވި ކަމަށް މުޣުނީ ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހައްދަވައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މި މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދެންނެވީމެވެ." މުޣުނީގެ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު އެ ފެކްޝަންގެ މެމްބަރުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން