ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާއި ފުށުއަރާނެ ނިންމުމެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ބުނެފިއެވެ.

އެމްއެންޕީން މިހެން ބުނެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ފޮނުވި ދައުވަތު ޤަބޫލުނުކުރުމަށް ނިންމިކަން އެންގުމަށް ނެރުނު ނޫސް ބަޔާނުގައެވެ.

އެމްއެންޕީން ބުނީ ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު ރަނގަޅަށް ކިރާ ވަޒަންކުރުމަށްފަހު ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރިނުވުމަށްކަމަށެވެ.

"ޖުމްހޫރީ ޕާޓީން އެފަދަ ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް ޝުކުރު ދަންނަވާ ހާލު، މިއަދު އޮތް މިޕާޓީގެ އެގްޒެކެޓިވް ކޮމިޓީން އިސްވެ ދެންނެވި ނިންމުމަށް ވާސިލްވީ ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. ޖުމްހޫރީ ޕާޓީއިން ހުށަހެޅި ފަދަ އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި މިޕާޓީއިން ބައިވެރިވުމަކީ، މިޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ މި ރިޔާސީ އިންތިޚާބުގައި މިޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެކެވެ." އެމްއެންޕީގެ ބަޔާނުގައިވެއެވެ.

އެމްއެންޕީން ބުނީ އެހެން ޕާޓީއެއްގެ ފަހަތަށް މި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއްކަމަށެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ ވިސްނުމެއް ނެރެގެން، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ޕާޓީއެކެވެ. ޕާޓީގެ މިސްރާބު ކުރަހާފައިވަނީ އެދިމާއަށެވެ. އަދި، ދިވެހިރާއްޖޭގެ ރިޔާސަތަށް ހޮވިއްޖެނަމަ ޕާޓީއިން މަސައްކަތް ކުރާނީވެސް އެކަންކަން ހާޞިލްކޮށް، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ފަހިގޮތްތަކަށެވެ." ބަޔާނުގައިވެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީ އުފެއްދުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތުންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން އެޕާޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، ރައްޔިތުންގެ ތާއީދާއި އިތުބާރު ޕާޓީއަށް ލިބެމުންދާކަމަށް ގަބޫލުކުރާކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެ ޕާޓީއިން އަރުވާ ޔަޤީންކަމަކީ ކުރިން ދެންނެވިފަދަ ތަޞައްވުރެއް އޮތް ކޮންމެ ބަޔަކާއެކުވެސް މިޕާޓީން ތިބީ ގުޅިގެން އިސްވެ އޮވެ މަސައްކަތް ކުރާ ގޮތަށްކަމަށެވެ.

އެމްއެންޕީގެ އިތުރުން ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ހަދަން ޕީޕީއެމް، އެމްއާރުއެމް، އުމަރު ނަސީރު އަދި ޑރ. މުނައްވަރަށްވެސް ދައުވަތު ފޮނުއްވާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ދައުވަތު ގަބޫލުކޮށްފައެއް ނުވެއެވެ. ޕީޕީއެމުންވެސް ބުނެފައިވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން