ރިޔާސީ އިންތިޚާބަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް ވިސާ ހަމަޖެއްސުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު 2023 އަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ފަރާތްތަކަށް ވިސާގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސައިނާއެކު ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވިސާ ލިބުމަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށް އެކޮމިޝަނުން ބުނެއެވެ.



އިންތިޚާބު އޮބްޒާވްކުރަން ބޭރުން އަންނަ މޮނީޓަރުންނާއި އޮބްޒާވަރުންނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ ފުރުސަތު އަންނަ ޖުލައި މަހުގެ 25 އަށް ހުޅުވާލާފައިވާއިރު މިހާތަނަށް އެއްވެސް ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެބުރު ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް އީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން