އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ވޯލްޑް ސްޕޯޓްސް ސިޓީ - މަންޓާ ސާފް ވިލެޖް" ނަމުގައި ހިންގާ މި މަޝްރޫޢަކީ މޫދު ކުޅިވަރާއި ފަތުރުވެރިކަން ގުޅުވައިގެން ތަރައްޤީކުރާ މަޝްރޫޢެކެވެ.

ބޭރުގެ އިންވެސްޓަރުންތަކެއް ގުޅިގެން ހިންގާ މަޝްރޫއުގެ ދަށުން 10 މިލިއަން ސޮކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ފަތުރުވެރިކަމުގެ މަންޒިލެއް ތަރައްޤީކުރާނެއެވެ. އައްޑޫ ސިޓީ ކައުންސިލުން މިކަމާއި ގުޅޭ މަޝްވަރާތައް ފަށާފައިވާއިރު އެ ތަން ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެމްއޯޔޫއެއް ޤާއިމްކޮށްފައެވެ.



ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިއީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހިންގާ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިތަން ތަރައްޤީވެގެން އަންނާނީ ރާޅާއެޅުމާއި އަދި އެނޫންވެސް މޫދު ކުޅިވަރާއެކުގައިކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނާގޮތުން މިތަނުގައި އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާޅު އުފައްދައިގެން ރާޅާއެޅޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. މީގެއިތުރުން މިތަނުގައި ބަޔޮސްފިއާރ ރިޒާވަކާއި ސްޕޯޓްސް އެކަޑެމީއަކާއި ލަގްޒަރީ ހޮޓާތަކާއި މުނިފޫހިފިލުވުމާއި ސަގާފަތާއި އާދަކާދަ ދައްކައިދޭ ކަންކަން ހިމެނޭނެއެވެ.

މަންޓާ ސާފް ވިލެޖް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ހިންގާ ސަންގްރިއްލާ ރިސޯޓްގެ އިރުންނެވެ. މިތަން ޑިޒައިންކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އައްޑޫ ކައުންސިލުން އަންދާޒާކުރަނީ މި ބިޔަ ޕްރޮޖެކްޓް 2030 ވަނަ އަހަރަށް ނިމޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން