އެކަށީގެންނުވާ އަގުތަކެއް ހުރުމުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ބާތިލުކޮށް، އަލުން ބީލަމަށް ހުޅުވާލުމަށް އިސްލާމިކް މިިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްެރީން ބުނީ ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަަޅަން ހުޅުވާލުމުން މިިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑްތަކުގައި ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވާކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލާއި މައުލޫމާތު ކަރުދާހުގައި ހައްޖު ޕްރޮޕޯސަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭކަމަށް ބުނެފައިވާ އަސާސީ ކަންކަންވެސް ބައެއް ފަރާތްތަކުން ފުރިހަމަކޮށްފައިނުވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިކަންކަން މިހެން ހުރުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުސަތު ނެތުމާއެކު މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާތިލުކޮށް، އަލުން އެ ކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދިނުންކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާފައެވެ. އަދި ބިޑް ހުށަހެޅޭނީ 75000 އާއި 95000 ރުފިޔާއާ ދެމެދުގެ އަގަކަށްކަމަށާއި ބިޑް ބަލައިގަތުން އޮންނާނީ 13 އޭޕްރީލްވާ ބުރާސްފަތިދުވަހުގެ ހެނދުނު 10 ޖަހާއިރުކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ނަމަވެސް ސަރުކާރުން ދަނީ ކޯޓާ އިތުރުކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

ރާއްޖެއިން މިދިޔަ އަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައެވެ. އެހުރިހާ ހައްޖުވެރިންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖާއި އުމުރާ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން