ކުރިއަރަމުން އަންނަ ފަތުުވެރިކަމާއެކު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ވަރުގަދައަށް ދެމެހެއްޓޭނެކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން މިހެން ބުނެފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގެ އިޤްތިޞާދީ ހާލަތު ދިރާސާކޮށް ގަވާއިދުން ނެރޭ ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް ރިޕޯޓްގައެވެ.

ވޯޯލްޑް ބެންކުން ނެރުނު ރިޕޯޓްގައިވާ ގޮތުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދު ވަނީ ކޯވިޑްގެ ކުރިން ހުރި ހިސާބަށް އިއާދަވެފައެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ރާއްޖެއަށް ދެމެހެއްޓޭނެކަމަށްވެސް ރިޕޯޓްގައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކޯވިޑަށްފަހު ވަރަށް ބާރަށް ކުރިއަރަމުން އަންނަކަން ވޯލްޑް ބެންކުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

"ޔޫކްރެއިން ހަނގުރާމަ ކުރިއަށްދިޔަސް ރާއްޖެއަށް ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދަށް ބަދަލެއް ނާދޭ. ޔޫރަޕާއި ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް މަދުނަމަވެސް އިތުރުވަމުން އަންނަ އިންޑިއާއާއި މެދުއިރުމަތީގެ ފަތުރުވެރިންނާއެކު އެ ތަން ވަނީ ފޫބެއްދިފައި" ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ.

ގައުމުގެ އިންފްރާސްޓްރަކްޗަރގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްގެންދާކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ އެކަމުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތްވެސް ފުޅާވެ، އިޤްތިޞާދީ ކުރިއެރުންތައް ރާއްޖެއަށް ލިބެމުންދާކަމަށެވެ. ނަމަވެސް އެކަންކަމަށް ހިނގާ ހަރަދުގެ ސަބަބުން މާލީ ބުރަތަކެއް ދައުލަތަށް އޮތްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.68 މިލިއަން ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެކަމުގެ ސަބަބުން ޓްރޭޑް، ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް ސިނާއަތް ކުރިއެރިކަން ވޯލްޑް ބެންކުން ފާހަގަކުރެއެވެ. އަދި އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުމާއެކު އަހަރުން އަހަރަށް ބަލާއިރު މުޅި އިޤްތިސާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަންވެސް ވޯލްޑް ބެންކުން ފާހަގަކުރެއެވެ.

ދުނިޔޭގެ އިޤްތިސާދަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް އަސަރުތަކެއް ކުރާނެކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ ސަރުކާރުން މިހާރު ތެލަށާއި އެހެނިހެން ކަންކަމަށް ދޭ ސަބްސިޑީ ރަނގަޅު ނިޒާމެއްގެ ތެރެއިން ދިނުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންނޫންނަމަ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަން އުނދަގޫކަމަކަށްވާނޭކަން ވޯލްޑް ބެންކުން ފާހަގަކުރިއެވެ.

ކުރިއަށް އޮތްތަނަށް ލަފާކޮށް ވޯލްޑް ބެންކުން ބުނީ ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާއެކު ރާއްޖޭގެ އިޤްތިޞާދު ހުރީ 6 އިންސައްތައިގެ ކުރިއެރުމުގެ ދުވެއްޔެއްގައިކަމަށެވެ. އަދި ޗައިނާ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމާއި ރަޝިޔާއާއި އިންޑިއާގެ ފަތުރުވެރިން އިތުރުވަމުންދިއުމުގެ ސަބަބުން މިއަހަރު ރާއްޖެއަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށްވެސް ވޯލްޑް ބެންކުން ލަފާކުރެއެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ 7.1 އިންސައްތައިގެ ކުރިއެރުމެއްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެެވެ.

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގެ އައު ޓާމިނަލާއި އައު ރިސޯޓްތަކާއެކު ފަތުރުވެރިކަމަށް އަދިވެސް އިތުރު ކުރިއެރުން އަންނާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެއެވެ. އަދި ޓެކްސް ރޭޓްތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ދައުލަތުގެ ފިސްކަލް ޑެފިސިޓްވެސް ކުޑަކުރެވިފައިވާކަން ފާޙަގަކުރެއެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކޯވިޑާއެކު ސަރުކާރުން ރައްޔިތުންނަށް އެހީވުމަށް ފިޔަވަޅުތަކެއް ނޭޅިނަމަ ފަގީރުންގެ ނިސްބަތް 19.9 އިންސައްތައަށް އިތުރުވީސްކަމަށެެވެ. އަދި އިޤްތިޞާދަށް މިހާރު ލިބެމުންދާ ކުރިއެރުންތަކާއެކު ޕަވަޓީ ރޭޓް މިއަހަރު 2.1 އިންސައްތައަށް ދަށްވާނެކަމަށްވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދިރާސާކޮށް ނެރުނު ރިޕޯޓްގައި ވޯލްޑް ބެންކުން ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުން މީގެކުރިން ނެރުނު ރިޕޯޓްތަކުގައިވެސް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަކީ އޭޝިޔާ ސަަރަހައްދުގެ ޤައުމުތަކުގެ ތެރެއިންވެސް އިޤްތިިޞާދީގޮތުން އެންމެ ރަނގަޅު ކުރިއެރުންތައް ހޯދަމުންދާ އެއް ޤައުމުކަންވެސް ފާހަގަކުރެއެވެ. މީގެއިތުރުން ރާއްޖެއިން ހޯދަމުންދާ އިޤްތިޞާދީ ކުރިއެރުންތަކަކީ ކޯވިޑްގެ ތެރޭގައި އިޤްތިޞާދު ދެމެހެއްޓުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާކަންވެސް ބައިނަލްއަޤްވާމީީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން