އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފުލުހުންގެ ހައްޔަރަށް ގޮސްފިއެވެ.

ޓްރަމްޕް ފުލުހުންގެ ހައްޔަށް ގޮސްފައި މިވަނީ އޭނާއާ ދެކޮޅަށް ނިއުޔޯކްގެ މެންހަޓަންގެ ކޯޓަކަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށެވެ. ޓްރަމްޕް ފުލުހުންގެ ހައްޔަރަށް ގޮސްފައިވަނީ އަމިއްލައަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ބިޑިވެސް ނާޅުވައެވެ. ނަމަވެސް ކުށުގެ ތުހުމަތުކުރެވޭ އެހެން މީހުން ފަދައިން ޓްރަމްޕްގެ އިނގިލީގެ ނިޝާންތައް ނެެގުމާއި އިސްކޮޅު އެނގޭގޮތަށް ނަގާ "މަގްޝޮޓް" ފޮޓޯވެސް ނަގާނެއެވެ. ނަމަވެސް ޓްރަމްޕްގެ ވަކީލުން މަގްޝޮޓް ފޮޓޯ ނެގުމާއި ދެކޮޅެވެ. އެހެންކަމުން އެ ފޮޓޯ ނުނެގުމަކީވެސް އެކަށިގެންވާކަމެކެވެ.

ކޯޓުގައި މިއަދު ކުރިއަށްދާނީ އޭނާއަށް ދެކޮޅަށް ހުށަހެޅިފައިވާ ދައުވާތައް އިއްވުމެވެ. އެއަށްފަހު ކުށަށް އިންކާރުކުރަން ނުވަތަ އެއްބަސްވާން ފުރުސަތު ދޭނެއެވެ. އަދި އެއަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލާނީތޯ ނުވަތަ ހައްޔަރުގައި ބެހެއްޓުމާއި މެދު މައްސަލަ ބައްލަވާ ފަނޑިޔާރު ގޮތެއް ނިންމާނެއެވެ. އެންމެ ގާތީ ކަފާލާތުގެ ދަށުން ދޫކޮށްލުމެވެ.

މި އަޑުއެހުން ވަގުތުން ދުރަށް ދެއްކުމަށް އެމެރިކާގެ ގިނަ ޓީވީތަކަކުން އެދުނުނަމަވެސް، އެ ހުއްދަ ނުދޭން ކޯޓުން ވަނީ ނިންމާފައެވެ.

މެންހަޓަންގެ ކޯޓަށް ޓްރަމްޕް ހާޒިރުކުރި ވަގުތު އެސަރަހައްދުގައި ވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެމެރިކާގެ ތާރީހުގައި މީގެކުރިން ދުވަހަކުވެސް ރައީސްކަންކޮށްފައިވާ ފަރާތަކަށް ނުވަތަ ރައީސްކަމުގައި ހުންނެވި ބޭފުޅަކާއި ދެކޮޅަށްވެސް ޖިނާއީ ތަހުގީގެއް ހިންގާ، ދައުވާކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ މިފަދަކަމެއް ކުރާ ފުރަތަމަ ފަހަރެވެ.

މި މައްސަލައަކީ ބަރަހަނާ ފިލްމުތަކުގައި އުޅޭ ސްޓޯމީ ޑެނިއަލްސް ކިޔާ އަންހެނަކާއި ޓްރަމްޕާއި އޮތް ގުޅުން ސިއްރުކުރަން އެ އަންހެން މީހާއަށް ފައިސާދިން މައްސަލައާއި ގުޅޭ ކަމެކެވެ.

2016 ވަނަ އަަހަރު ޓްރަމްޕް ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުނުއިރު ސްޓޯމީ ޑެނިއަލްސް ވަނީ އޭނާއާ ޓްރަމްޕާއެކު 2006 ވަނަ އަހަރު ކައިވެނިން ބޭރު ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނެފައެވެ. އަދި މީޑިއާއަށް އެކަމާއި ގުޅޭ މައުލޫމާތުތައް ހާމަކުރުމަށްވެސް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ވާހަކަތައް ހުއްޓުވަން ޓްރަމްޕްގެ ވަކީލެއްކަމަށްވާ މައިކަލް ކޯހެން ވަނީ 130000 ޑޮލަރު ސްޓޯމީ ޑެނިއަލްސްއަށް ދީފައެވެ. އެ ފައިސާ ދިނުމުން ސްޓޯމީ ޑެނިއަލްސް އެ ވާހަކަތައް އިތުރަށް ދައްކާފައެއް ނުވެއެވެ.

ބަރަހަނާ ފިލްމުކުޅޭ އަންހެން މީހާއާއެކު އޮތް ގުޅުން ސިއްރުކުރަން ޓްރަމްޕް ފައިސާ ދިނުމަކީ އެމެރިކާގައި ޤާނޫނީގޮތުން މަނާކަމެއް ނޫނެވެ. ނަމަވެސް މިކަމަގައި ޓްރަމްޕް "ބޭނުނީ" އޭނާގެ ވަކީލު ކޯހެންގެ "ގަޅިކަމުން"ނެވެ. އަންހެން މީހާއަށް ދޭންޖެހޭ ފައިސާ ދިނީ ވަކީލުގެ އެކައުންޓުންނެވެ. އަދި ޓްރަމްޕް އެ ފައިސާ ވަކީލަށް ދިނުމުން އޭނާގެ އެކައުންޓަށް ޖަމާކުުރުމަށްފަހު ބެންކަށް އަންގާފައިވަނީ އެއީ ވަކީލުގެ ފީގެ ގޮތުގައި ލިބުނު ފައިސާކަމަށެވެ. މައްސަލަ އުފެދުނީ އެކަމުންނެވެ. ވިޔަފާރީގެ ބަޔާންތައް އޮޅުވާލުމުންނެވެ. މީގެއިތުރުން މިކަމެއް ހިނގާފައިވަނީ ރިޔާސީ ކެމްޕެއިނެއްގެ ތެރޭގައިކަމުން އިންތިހާބާބެހޭ ބައެއް ޤާނޫނުތަކާއިވެސް ހިލާފުކަމަކަށް މިކަންވެދާނެއެވެ.

މިއަދުގެ އަޑުއެހުމުގައި ޓްރަމްޕާއި ދެކޮޅަށް ހުށަހަޅާ ދައުވާތައް އިއްވާނެއެވެ. އަދި އަޑު އެހުން ނިމުމުން ޓްރަމްޕް އެނބުރި ދާނީ ފްލޮރިޑާއަށެވެ. ފުލުހުންގެ ހައްޔަރުގައެއް ނުހުންނާނެއެވެ.

މިކަމުގައި ދެން އޮތް އެންމެ ބޮޑު ސުވާލަކީ މި މައްސަލައިގައި ޓްރަމްޕަށް އަންނާނެ އަދަބެކެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި އެންމެ ގާތީ ޖޫރިމަނާގެ އަދަބެކެވެ. ނަމަވެސް ޖަލު ހުކުމެއް އައުމުގެ ފުރުސަތުވެސް އެބައޮތެވެ. ޖަލު ހުކުމެއް އަޔަސް އެންމެ ގާތީ 4 އަހަރު ދުވަހުގެ ހުކުމެވެ. އެކަމަކު ގިނަ ވަކީލުންނާއި ޤާނޫނީ ތަޖުރިބާކާރުން ބުނަނީ މި މައްސަަލައިގައި ޓްރަމްޕަށް ޖަލު ހުކުމެއް އިއްވުމަކީ ނާދިރުކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން