ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ އެންމެހައި ޚަރަދުތައް، އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި، ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފިއެވެ.

މިއީ މިފަދަ އަމުރެއް ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ ފަހަރެވެ.

މިފަދައިން ކޯޓުން ނިންމާފައިވަނީ، މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި، ކުއްޖާގެ ޢާއިލާގެ ތެރޭގައި ކުއްޖާއާ ޙަވާލުވާނެ ފަރާތެއް ނެތުމުން، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، ކުއްޖާގެ އެންމެހައި ޚަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެދި، ދައުލަތުން ހުށަހެޅި މައްސަލައެއްގައެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި، ކެއުމުގެ ޚަރަދާއި، ކުއްޖާ ބަހައްޓާފައިވާތަނުގެ ކަރަންޓް އަދި ފެނުގެ ޚަރަދާއި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެތަނުގައި މަސައްކަތް ކުރައްވާ ޤުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިޢާޔަތް ކޮށްފައިވެއެވެ.

މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަ ކުރެވޭނެ މިންވަރަށާއި، އަދި ކުއްޖާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ. އެގޮތުން ކުއްޖާގެ ޚަރަދަށް، ކޮންމެ މަހަކު 16،219ރ ކުއްޖާގެ ބައްޕަގެ ފަރާތުން، ދެއްކުމަށް ކަނޑައެޅިފައިވަނީ ބައްޕަގެވެސް ރުހުމާއެކުގައެވެ.

ކުދިންގެ އަސާސީ ޚަރަދުތައް ބެލެހެއްޓުމީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށް ވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ އެ ޤާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިން ބަފައިން ކުއްޖާގެ ޚަރަދު، ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ޙަވާލުކުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކޮށްފައިވެއެވެ. އަދި މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން