އެމްޑީޕީގެ މަދު މެމްބަރުންކޮޅެއް މަޖިލީހުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރިއަސް އެކަމުން ސަރުކާރަށް ކުރާނެ މާ ބޮޑު އަސަރެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެމްޑީޕީގެ މަދު މެމްބަރުންކޮޅެއް ސަރުކާރާއި ދެކޮޅަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މަޑު ޖެހުމެއް ނާންނާނެ ކަމަށެވެ. އަދި އެކަމުގެ މާ ބޮޑު އަސަރެއް ސަރުކާރަށް ނުކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ސަރުކާރަށް ކަމަށާއި، މަޖިލީހުގެ އެއްބާރުލުމާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އެމަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެބޭފުޅުންގެ މަސައްކަތުގެ ސަބަބުން ސަރުކާރުގެ ހިންގުމަކަށް ނުވަތަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތައް ސްޕީޑަކަށް ބަދަލެއް ނާންނާނެ." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ބައި އިލެކްޝަންތަކުގެ ކެމްޕޭންތަކުގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ބައިވެރިވުން ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީގެ މެމްބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުން ސިޔާސީ ގޮތުން ކުރައްވާ ކަމެއް އެބޭފުޅުންނަށް އެނގިވަޑައިގަނޭތޯ އެބޭފުޅުންނާއި ސުވާލުކޮށްލުން ރަނގަޅުވާނެ." މިއުވާން ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން'' ނަމުގައި ވަކި ފެކްޝަނެއް ހަދައިގެން ވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން މަޖިލީހުގައި އެމްޑީޕީގެ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް އަންނަނީ ނިންމަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން