އަލަށް ގުޅުނު ކަނބަލުންގެ ތަޖުރިބާއާއެކު ޖުމްހޫރީ ޕާޓީ ފިކުރު ކުރިއެރުވޭނެކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީން ކުރަމުންދާއިރު، ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުން އަންނަނީ އެ ޕާޓީއަށް ސޮއިކުރަމުންނެވެ. އޭގެތެރޭގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންނާއި އިލްމީ އެހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީއާ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުން ގުޅެމުންދާކަން ފާހަގަކުރައްވައި، އެ ކަނބަލުންނަށް މަރުހަބާއާއި ތަހުނިޔާ ދަންނަވާފައެވެ.

ގާސިމް ވިދާޅުވީ އެ ކަނބަލުންގެ އިހުލާސްތެރިކަމާއި ތަޖުރިބާއަކީ ޕާޓީއަށާއި ގައުމަށް އަގުނުކުރެވޭ ރައުސުލްމާލެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކަނބަލުންނާއެކު މަސައްކަތްކޮށް، ޖުމްހޫރީ ޕާޓީގެ ފިކުރާއި ސިޔާސަތު ކުރިއެރުވޭނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



ޖުމްހޫރީ ޕާޓީއާއި އެންމެފަހުން ގުޅުނު ކަނބަލުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ސައިކޮލޮޖިސްޓެއްކަމަށްވާ ޑރ. އައިޝަތު އަލީ ނާޒާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، ގާނޫނީ ވަކީލް ލުބްނާ ޒާހިރު ހުސައިން ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރީ ޕާޓީއަކީ އެމްޑީޕީޢާއި ޕީޕީޢެމަށްފަހު އެންމެ ބޮޑު ޕާޓީއެވެ. ޖުމްހޫރީ ޕާޓީގައި 23،000 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން