އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި އިއްޔެ ނިމިއްޖެއެވެ.

މިސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޙަރަކާތްތެރިކަމާއެކު ބައިވެރިވެފައެވެ.

ނިމިގެންދިޔަ ސެޝަނުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ވަނީ 43 ޤަރާރެއް ފާސްކޮށް އިންސާނީ ޙައްޤުތަކާބެހޭ ތަފާތު މައްސަލަތަކާއި ވަކިވަކި ޤައުމުތަކުގެ ކަންކަމާ ގުޅުންހުރި 19 މެންޑޭޓެއްގެ މުއްދަތު އިތުރުކޮށް ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓު ހޯލްޑަރުންގެ ގޮތުގައި 10 ބޭފުޅަކު އައްޔަނުކޮށްފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52ވަނަ ސެޝަނުގެ މަތީ ފެންވަރުގެ ބައިގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ 27 ފެބުރުއަރީ 2023ގައި އެމަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ. މިނިސްޓަރ ޝާހިދުގެ ތަޤުރީރުގައި ވަނީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިނިސްޓަރ ޝާހިދު ވަނީ މިސެޝަނުގެ ހަވާސާގައި ބޭއްވުނު މަތީފެންވަރުގެ 2 އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ތަފާތު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ވަފުދުން ވަނީ މިސެޝަނުގައި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުން ބަހުސްކުރާ ތަފާތު މައުޟޫތަކަށް ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާފައެވެ. ހަމައެއާއެކު ރާއްޖެއިން ވަނީ 19 ޤަރާރެއް ވެސް ކޯ-ސްޕޮންސާ ކޮށްފައެވެ. މީގެތެރޭގައި މައިނޯރިޓީންނަށް ކުރިމަތިވާ މައްސަލަތަކާ ގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމާއި ކުރިއެރުވުމާ ގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރާއި އިންސާނީ ޙައްޤުތައް ދިފާއުކުރާ ފަރާތްތަކާގުޅޭ ސްޕެޝަލް ރެޕަޓުއާގެ މެންޑޭޓު އައުކުރުމާ ގުޅޭ ޤަރާރު ހިމެނެއެވެ. ހަމައެއާއެކު ރާއްޖެއިން ވަނީ ކާބޯތަކެއްޗާ ގުޅޭ ޙައްޤާއި އާއްމު ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމާއި ގުޅޭ ޙައްޤާއި ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަމާ ގުޅޭ ޙައްޤާއި އެހެނިހެން މައުޟޫތަކާ ގުޅޭ ޤަރާރުތައް ވެސް ކޯ-ސްޕޮންސާ ކޮށްފައެވެ.

މީގެއިތުރުން ރާއްޖެއިން ވަނީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ އިންސާނީ ޙައްޤުގެ ދަށުން ޤަރާރެއް ޑްރާފްޓް ކުރި ތަފާތު ސަރަޙައްދުތަކުގެ ޤައުމުތަކުގެ މައްޗަށް އެކުލެވިފައިވާ ކޯ-ގްރޫޕުގައި ވެސް ބައިވެރިވެފައެވެ. މިޤަރާރުގެ މައިގަނޑު މަޤްސަދަކީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓާ ގުޅޭ އިންސާނީ ޙައްޤު ރައްކާތެރިކުރުމުގައި ވިޔަފާރިތަކުގެ ޒިންމާ އޮތް މިންވަރާ ގުޅޭގޮތުން ކަމާބެހޭ މާހިރުންގެ ބައްދަލުވުމެއް 2023ވަނަ އަހަރު ނިމުމުގެ ކުރިން ބޭއްވުމަށް ސްޕެޝަލް ރެޕަޓުއާއަށް އެންގުމެވެ. މިޤަރާރު ފާސްކޮށްފައިވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ އިއްތިފާޤުންނެވެ. އަދި މިޤަރާރު ފާސްކުރުމާ ހަމައަށް 60 ޤައުމަކުން ވަނީ ޤަރާރަށް ތާއީދުކޮށް ޤަރާރު ކޯ-ސްޕޮންސާ ކޮށްފައެވެ.



މިސެޝަންގައި ރާއްޖެއިން ވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި އިއްވުނު 33 ގުޅިފައިވާ ބަޔާނެއްގައި ވެސް ބައިވެރިވެފައެވެ. މީގެތެރޭގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ނޮން-އެލައިންޑް މޫވްމަންޓްގެ ބަޔާންތައް ހިމެނެއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން "ހައި-ލެވެލް ޕެނަލް ޑިސްކަޝަން އޮން ވޮލަންޓަރީ ފަންޑްސް ފޯ ޔޫޕީއާރު"ގައި ރާއްޖެއިން ވަނީ ބަޔާނެއް އިއްވާފައެވެ.

މިބަޔާނުގައި ރާއްޖެއިން ވަނީ ޔޫޕީއާރު ނިޒާމުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޔޫޕީއާރު ވޮލަންޓަރީ ފަންޑަށް މެމްބަރު ޤައުމުތަކުން އެހީވުމަށް ގޮވާލާފައެވެ.

ހަމައެއާއެކު ރާއްޖެއިން ވަނީ މިސެޝަނުގެ ހަވާސާގައި ބޭއްވުނު 5 އިވެންޓެއް ކޯ-ސްޕޮންސާ ކޮށްފައެވެ. މީގެތެރޭގައި ޓޯޗަރއާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ އިވެންޓަކާއި މިންތި އާއި މޫސުމީ ބަދަލުތަކާ ގުޅޭ އިވެންޓަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އައު ޙައްލުތަކެއް ހޯދުމާ ގުޅޭ އިވެންޓަކާއި އިންސާނީ ޙައްޤުތަކާއި ތިމާވެއްޓާ ގުޅޭ ސްޕެޝަލް ރެޕަޓުއާގެ ރިޕޯޓު "ވިމެން އެންޑް ގަރލްސް އެންޑް ދަ ރައިޓް ޓު އަ ކްލީން، ހެލްތީ، އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް" އާ ގުޅޭ އިވެންޓަކާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ މައްސަލަތައް ދައުލަތްތަކުން އިސްވެ ތިބެ ތަހުގީގު ކުރުމުގައި އަނިޔާ ލިބުނު ފަރާތްތަކަށް އިސްކަން ދިނުމާ ގުޅޭ އިވެންޓެއް ހިމެނެއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52 ވަނަ ސެޝަނުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އަދި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އާސިމް އަޙުމަދު އެވެ. މިމަޖިލީހުގައި އޭޝިއާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރައްވާ ނައިބު ރައީސްގެ ހައިސިއްޔަތުން އެމްބެސެޑަރ އާސިމް ވަނީ މަޖިލީހުގެ ތަފާތު ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން