ކުނި ނެގުމުގެ ހިދުމަތަށް ނަގާ ފީ ކަރަންޓް ބިލުގައި ހިމެނުމަށްޓަކައި، އެ ބަޔަކު ބޭނުންކުރާ ކަރަންޓް މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދޭން ވެމްކޯއިން އެދިއްޖެއެވެ.

މިމަހުގެ 1 ވަަނަ ދުވަހުން ފެށިގެން ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަށް ނަގާ ފީ ހިމަނާނީ ސްޓެލްކޯގެ ކަރަންޓް ބިލުގައެވެ.

ވެމްކޯގެ ފީ، ކަރަންޓް ބިލުގައި ހިމަނާތީ ވެމްކޯއިން ވަނީ މީޓަރުތަކުގެ މަޢޫލޫމާތު މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދޭން މީގެކުރިން އަންގާފައެވެ. ވެމްކޯއިން ބުނީ އެ މުއްދަތު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

ވެމްކޯއިން ބުނީ އާންމު ގޭބީސީގައި ނުހިމެނޭ ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްވާނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރ އެކްސްކްލޫޝަން ފޯމް" ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި ފްލެޓް ފަދަ ތަންތަން ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިންގ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވެމްކޯއިން ބުނީ މި މުއްދަތުގައި ފޯމް ހުށަނާޅާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ހިދުމަތް ދިނުން މެދުކެނޑޭނެ ކަމަށެވެ.

ސަރުކާރުން ބުނާގޮތުން މާލޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލަ ކަމަށެވެ.

ސަރުކާރުން ބުނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމަށެވެ. އެހެންކަމުން އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި މި ފައިސާވެސް ހިމަނައިގެން ފީ ކަލެކްޓްކުރުންކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މާލެ ސަރަޙައްދުގައި ވެމްކޯއަށް ފީދައްކަންޖެހޭ 53690 ގޭބިސީ ހުރިނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20000 ގޭބިސީންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން