ޖުމްހޫރީީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައި، މަޝްވަރާތަކެެއް ބާއްވަވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ވިލާ ޕާކު ނުވަތަ ކުރީގެ ނަމުންނަމަ ސަން އައިލެންޑުގައެވެ.

ގާސިމްގެ ރިސޯޓްގައި ބޭއްވި މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި ރައީސް ނަޝީދުގެ އަރިސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތަކެއް ދެ ފަރާތުންވެސް ކުރިއަށްގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މި ބައްދަލުވުމުގެ ފޮޓޯތަައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ގާސިމާއި ނަޝީދުގެ ބައްދަލުވުމުގެ ތެރެއިން ފެންނަ ހުދު ކޮތަރަކަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކޮތަރަކީ އޮޅުކޮށްގެން ގެންގުޅޭ އެއްޗެކެވެ. އަދި ގާސިމާއި ނަޝީދުވެސް އެ ކޮތަރާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.



އެގޮތުން ފެންނަ އެއް ފޮޓޯގައި އެ ކޮތަރު އިނީ ނަޝީދުގެ ކޮނޑުފުޅަށް އަރައެވެ. އަނެއް ފޮޓޯގައި ކޮތަރު އިނީ ގާސިމް ކޮނޑުފުޅުގައެވެ. މިކޮތަރާއި ގުޅޭގޮތުން ބައެއް މީހުން ސުވާލުކުރަމުންދާއިރު، އެކި މީހުން ދިޔައީ މި ކޮތަރާއި އެކި ކަންކަމާއި ގުޅުވަމުންނެވެ.

ގިނަ ބައެއްގެ ސަމާލުކަން ހުދުކޮތަރަށް ލިބިފައިވާއިރު ބެލެވޭގޮތުގައި އެއީ ގާސިމްގެ ވިލާ ޕާކްގައި ގެންގުޅޭ ކޮތަރެކެވެ.

ކޮންމެއަކަސް ގާސިމާއި ނަޝީދުގެ ބައްދަލުވުމުން ކޮތަރަކަށް ސަމާލުކަން ލިބިފައިވިޔަސް، އެ ބައްދަލުވުމުގައި ދެކެވުނު ވާޙަކަތަކާއިމެދުވެސް އާއްމުން ޝައުޤުވެރިކަން ހުންނާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ވަނީ ނިންމާފައެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީން ދަނީ ޕާޓީ ވަރުގަދަކޮށް، މެމްބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަސަައްކަތް ޖުމްހޫރީ ޕާޓީން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން