ނ.މަނަދޫ
ނ.މަނަދޫ
މަނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރާއި ގުޅިގެން އެ ރަށަށް އަރައި، ފައިބާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރަން އަންގައިފިއެވެ.

މަނަދޫގައި އެކަނި އުޅެމުންދިޔަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން މިއަދު އިރުއޮއްސެނިކޮށް ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ގޮސް ބެލިއިރު އަންހެން މީހާ އޮތީ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައެވެ. އަދި އަންހެން މީހާ އޮތީ ބިންމަތީގައިކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު އަންނާރުމާގެ އުމުރުން 62 އަހަރުގެ ނައީމާ މޫސާއެވެ. އޭނާއަކީ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ. އަދި އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އެކަން އާއިލާއަށް އެންގީ އޭނާއާއެކު މަސައްކަތްކުރާ މީހުންނެވެ.

ބައެއް ފަރާތްތަކުން ހަބަރުފަތުރާ ގޮތުގައި ނައީމާއަށް ވަނީ ތޫނު އެއްޗަކުން ވަރަށް ބޮޑަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން މިކަން ޔަގީންކޮށެއް ނުދެއެވެ.

ފުލުހުން ބުނީ ނައީމާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި މަނަދޫއަށް އަރައި، ފައިބާ ހަދާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް ކައުންސިލަށް އަންގާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެކަނި އުޅެމުންދިޔަ ނައީމާގެ 3 ދަރިންވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން