މޫސުން ބަދަލުވިއިރު އުޑުމަތި ފެންނަލެއް އުޖާލާކަމުން އެކަން އިހުސާސްވެސް ނުވިކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައީސް މުހައްމަދު ނަޝީދުގެ އިއްޔެ ބައްދަލުވުން އެޕާޓީގެ ތަރުޖަމާން އަބުދު ﷲ އަމީން ސިފަކޮށްދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ވަނީ ބައްދަލުކުރަށްވާފައެވެ. ގާސިމް ހިންގަވާ ސަން އައިލެންޑް ރިސޯޓް ނުވަތަ މިހާރުގެ ނަމުންނަމަ "ވިލާ ޕާކު" ރިސޯޓްގައި އިިއްޔެ ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނަޝީދާ، އެ މަނިކުފާނަށް ތާއީދު ކުރައްވާ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ މެމްބަރުންނާއި ޖުމުހޫރީ ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޖުމުހޫރީ ޕާޓީއާއި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް 'ފިކުރެއްގެ ދިރުން' ފެކްޝަނުން ބުނެއެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން މިހާރު ވަނީ ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއިދުކުރަން ނިންމައި އެކަން އިއުލާންވެސް ކޮށްފައެވެ.

އިއްޔެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ހެލްތު މިނިސްޓަރު އަމީން އެ ބައްދަލުވުން ސިފަ ކޮށްދެއްވީ މިއަހަރުގެ އިރުވައި ނިމި ހުޅަނގުމޫސުން އިއްޔެ ފެށުނު ކަމަށް ވިދާޅުވަމުންނެވެެ. އަދި މޫސުން ބަދަލުވިއިރު ހުންނެވުނީ ސަން އައިލެންޑްގައި ސިޔާސީ ސައްލާއެއްގައި ކަމަށް އަމީން ވިދާޅުވިއެވެ.

"މޫސުން ބަދަލުވި އިރު އުޑުމަތި އުޖާލާކަމުން އެގުމެއްވެސްނުވިއެވެ. މޫސުމަކީވެސް ޤުދުރަތުގެ ހާދަހާބޮޑު އަޖައިބެކެވެ." ވަރަށް މާނަ ފުން މެސެޖަކުން ގާސިމާއި ނަޝީދުގެ ބައްދަލުވުމަކީ ކާމިޔާބު އުއްމީދީ ބައްދަލުވުމެއްކަން ސިފަ ކޮށްދެއްވަމުން އަމީން ވިދާޅުވިއެވެ.

އިއްޔެ ބައްދަލުވުމަކީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ރައީސް ނަޝީދާއި ގާސިމް ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ މަންދޫބުން މީގެ ކުރިން ވަނީ ގާސިމްގެ މަންދޫބުންނާއި ތިން ފަހަރެއްގެ މަތިން ބައްދަލުކުރައްވައި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީއާއި ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން