ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއެކު ކުރިއަށް ދިޔަނަމަވެސް، ދައުރުގެ މެދުތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ދޭކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ބޭނުންފުޅު ނުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފު) ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމާއި ޖުމްހޫރީ ޕާޓީއާ ދެމެދު ކޯލިޝަން އެގްރިމަންޓަކާއި ހަމައަށް އަދިވެސް ނުދެވޭކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯލިޝަން އެގްރިމަންޓެއް ނުހެދިގެން އުޅެނީ ބަރުލަމާނީ ނިޒާމަކަށް ގާސިމް އެއްބަސްވެވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ބަރުލަމާނީ ފިޔަވައި އެެހެން ހުރިހާކަމަކަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ދައުރުގެ މެދުތެރެއިން ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ދެއްވަން ގާސިމް އިބްރާހިމް އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ފެނިވަޑައި ނުގަންނަކަމަށެވެ. އެހެންކަމުން ލިބުނު އެއްޗަކާއިގެން ކުރިއަށްދިއުން ނޫން ގޮތެއް ނަޝީދަށް ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއެކު ކުރިއަށްގެންދިޔަ ނަމަވެސް، ޝަރީފް ވިދާޅުވި ފަދައިން އެކަމުގައި އެއްވެސް ގޮތެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ. އަދި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެޕާޓީން އެކި ފަރާތްތަކަށް ދިން ނަމަވެސް، މިހާތަނަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ އެއްބަސްވުމަކާއި ހަމައަށް އައިސްފައިވާ ކަމަކަށް އެއްވެސް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު