ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް
ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑުން މުހިންމު މޮޅެއް ހޯދިއިރު, ސެވިއްޔާ އަތުން ރެލިގޭޝަން ޒޯނުގައި އޮތް ވެލެންސިއާ ބަލިވެއްޖެއެވެ.

އެތުލެޓިކޯ މެޑްރިޑްގެ އަމިއްލަ ދަނޑުގައި އަލްމޭރިއާ އާއި ވާދަކުރި މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 2-1 ންނެވެ. އެތުލެޓިކޯގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ގްރީޒްމަން އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ކޯނަރެއްގައި އައި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި އަލްމޭރިއާއިން ނަތީޖާ ހަމަހަމަކުރިއެވެ. އެއީ އަލްމޭރިއާގެ ލިއޯ ބަޕްޓިސްޓާއޯ ޖެހި ބޯޅައެއް އެތުލެޓިކޯގެ ހޯޒޭ ހިމިނޭޒްގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުން އަލްމޭރިއާއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ. މެޗުން މޮޅުކޮށްދިން ލަނޑު ގްރީޒްމަން ޖެހީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައެވެ.

މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް މިހާރު ވަނީ ތާވަލުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެޕޮއިންޓު ގާތަށް ޖެހިލާފައެވެ. ޖުމްލަ 72 ޕޮއިންޓާއެކު ރެއާލް ދެވަނާގައި އޮތްއިރު, ތިންވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 60 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނާގައި އޮތް ބާސެލޯނާ ވަނީ 73 ޕޮއިންޓު ހޯދާފައެވެ.

އާދީއްތަ ދުވަހުގެރޭ ސެވިއްޔާ އާއި ވެލެންސިއާ ކުޅުނު މެޗު ނިމުނީ 2-0ން ސެވިއްޔާ މޮޅުވެގެންނެވެ. ސެވިއްޔާގެ ދެލަނޑުވެސް ފެނުނީ މެޗުގެ ދެވަނަ ހާފުގައެވެ. ލަނޑުތައް ޖަހައިދިނީ ލޮއިކް ބާޑޭ އާއި ސޫސޯއެވެ. މި މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ ފުރުސަތު ވެލެންސިއާއަށް އޮތެވެ. ސެވިއްޔާ އޮތީ 35 ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނާގައެވެ. ތާވަލުގެ ފަހަތުން ތިންވަނާގައި އޮތް ވެލެންސިއާއަށް ލިބެނީ 27 ޕޮއިންޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން