އެފްއޭއެމް ވެޓެރަންސް ލީގުގެ ތަށި ހުޅުމާލެ ވެޓަރަންސްއިން ދިފާއުކޮށްފިއެވެ.

ހުޅުމާލެ ވެޓެރަންސްއަކީ މިދިޔަ އަހަރުގެ ވެޓެރަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެފަހަރުގެ މުބާރާތް އެޓީމުން ކާމިޔާބުކުރީ ފައިނަލް މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށްގެންނެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރީ ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މި މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 5-2 ންނެވެ.

އެފްއޭއެމް އެއް ނަންބަރު ޓާފުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑޫ ނެގީ ހުޅުމާލެ ވެޓެރަންސްއިންނެވެ. އެޓީމަށް ލީޑޫ ނަގައިދިނީ އަހުމަދު ގިތުރީސްއެވެ. ހުޅުމާލެ ވެޓެރަންސްއިން ލީޑޫ ނެގިތާ މާ ގިނައިރެއް ނުވަނީސް ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީ ދަ ގްރާންޑޭގެ އަބްދުﷲ ވަހީދު ފޮނުވާލި ބޯޅައެއް މަތަކުރަން އުޅެނިކޮށް ހުޅުމާލެ ވެޓެރަންސްގެ ކީޕަރު ހަސަން ރަމީޒު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުޅުމާލެ ވެޓެރަންސްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އަބްދުލްމަޖީދު އިބްރާހިމްއެވެ. ދެވަނަ ހާފު ފެށީގެން މާ ގިނައިރެއް ނުވަނީސް އޭނާ ވަނީ އިތުރު ލަނޑެއްޖަހާ ހުޅުމާލެ ވެޓެރަންސްއަށް ލީޑު ފުޅާކޮށްދީފައެވެ.

ދަ ގްރާންޑޭގެ ދެވަނަ ލަނޑުޖަހާ އެޓީމަށް ފަރަގު ކުޑަކޮށްދިނީ އަހުމަދު ޝަކީބެވެ. އޭގެ ފަހުން ހުޅުމާލެ ވެޓެރަންސްގެ އަހުމަދު ނިޔާޒާއި ގިތުރީސް ވަނީ ލަނޑުޖަހާ ބޮޑު ލީޑެއް ހޯދައިދީފައެވެ. މީގެ ތެރެއިން ނިޔާޒު ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ދަ ގްރާންޑޭގެ އަހުމަދު ޝާކިބެވެ. އެންމެ މޮޅު ކީޕަރަކީ ދިވެހި ސިފައިންގެ ކްލަބުގެ ހުސައިން އަހުމަދެވެ. ފެއާ ބްލޭ ޓީމަކަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސްއެވެ.،



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން