ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަރެސްމާތޮޑާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފަރެސްމާތޮޑާ ފުޓުބޯޅަ ދަނޑަށް ބޭނުންވާ ވެލި އެޅުމުގެ މަސައްކަތްވެސް އެރަށާ ގުޅިފައިވާ ސަރަހައްދުން ވެލި ނުލިބިގެން ވަނީ ކުރިއަށް ނުގެންދެވިފައި ކަމަށެވެ. އަދި އެރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ކުރި ސާވޭގައި، އެ ރަށުގެ އެތެރެވަރީގެ ދެ ތިލައަކުން ވެލި ނަގަން ބުނެފައި އޮއްވައި، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އެ ތަންތަނުން ވެލި ނަގައިގެން ގެންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެގޮތުން ފަރެސްމާތޮޑާ ފަޅުން 45،000 ކޮޑިމީޓަރުގެ ވެލި ނަގައިގެން ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް، ފަރެެސްމާތޮޑާ އާއި ގުޅިފައިވާ ހިސާބަކުން ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި ކަަމަށްވެސް އެ ބަޔާނުގައިވެއެވެ.

"މިހާރުން މިހާރަށް މިކަން ހުއްޓުވައިދިނުމަށް ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކަށް ދަންނަވަން،" ބަޔާނުގައި ވެއެވެ.

ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މުޅި މި މަޝްރޫޢަށް 422 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ލައިލާ

29-Apr-2023

ޜައްޔިތުން ނުކުމެ ހުއްޓުވާބަލަ ހިތްވަރެއް ނުހުރޭ ވިއްޔަ ބަޔާނެއް ނެރެލީމަ ނިމުނީ



ޓްރެންޑިން