ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ޝަރުއީ ކޯޓުތަކަށް ނުވަދެވޭ ގޮތް ހަދަންޖެހިފައި ހުރި ބޭފުޅެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ޑރ. ޖަމީލު މިއަދު އޭނާއަށް ނިސްބަތްކުރައްވައި ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ.

އާޒިމް ވިދާޅުވި ބަސްފުޅަކަށް ރައްދުދެއްވަމުން ޖަމީލުގެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ވަގުންގެ ފޮށި ބާރަށް ބަަންނާނޭ" ކަމަށެވެ. އަދި މިސަރުކާރު ނިމޭއިރު އޭސީސީވެސް މިނިވަންވާނެކަމަށް ޖަމީލު ވިދާޅުވިއެވެ. ނަމަވެސް ޖަމީލު އެ ވިދާޅުވަނީ ކޮން ވާހަކަތަކެއްކަމެއް ނޭނގެއެވެ.

"މީހުން ބުނެއުޅޭ އަޑުއަހަން، ވަގުންގެ ފޮށި ބާރަށް ބަަންނާނޭ. މިސަރުކާރު ނިމޭއިރު އޭސީސީވެސް މިނިވަންވާނެ." ޖަމީލު ވިދާޅުވިއެވެ.

ޖަމީލުގެ ވާހަކަތަކަށް އާޒިމްވެސް ވަނީ ރަނގަޅު ރައްދެއް ދެއްވާފައެވެ. އާޒިމް ވިދާޅުވީ ޖަމީލަކީ ޝަރުޢީ ކޯޓަކުން ދޮގުވެރިއެއްކަމަށް ހުކުމްކޮށް އެ ކޯޓްތަކަށް ނުވަދެވޭގޮތް ހަދަންޖެހިފައި ހުރި ބޭފުޅެއްކަމަށެވެ. އަދި ޖަމީލަކީ ދޫ ގިނަ، އަނގަ ގިނަ، އިތުބާރު ގެއްލިފައިވާ ބޭފުޅެއްކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ޝަރުޢީ ކޯޓަކުން ދޮގުވެރިއެއްކަމަށް ހުކުމްކޮށް، އެ ކޯޓްތަކަށް ނުވަދެވޭގޮތް ހަދަންޖެހިފައިވާ ހުރި ބޭފުޅެއް. ދޫ ގިނަ އަނގަ ގިނަ އިތުބާރު ގެއްލިފައިވާ ބޭފުޅެއް." އާޒިމް ވިދާޅުވިއެވެ.

އާޒިމާއި ޑރ. ޖަމީލާއި ދެމެދު ބަހުގެ ހަމަލާތަކެއް ފެށިގެންދިޔައީ މިމަހުގެ ކުރީކޮޅު އާޒިމާއި ގުޅޭގޮތުން ޑރ. ޖަމީލު ދެއްކެވި ވާހަކަތަކެއްގެ ސަަބަބުންނެވެ.

ޖަމީލު ކުރެެއްވި ޓްވީޓެއްގައި ވަނީ އާޒިމް ހިމެނޭގޮތަށް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރަށް ފާޑު ވިދާޅުވެފައެވެ.

ޖަމީލު ވިދާުޅުވީ ސަރުކާރުގެ މަތި ފަޑީގައި ތިއްބެވީ ފެނަކަ، ސްޓެލްކޯ އަދި އެމްޓީސީސީގެ ވެރިންނާއި ފިނޭންސް މިނިސްޓަރުކަމަށެވެ. އަދި އެމީހުންނަށް ބެލިޔަސް ރައީސް ސާލިހަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންޖެހޭ ސަބަބު ވަރަށް ސާފުކަމަށާއި އެބޭފުުޅުން ދައުލަތް ފުނޑާލާފައިވާކަމަށެވެ.

ޖަމީލުގެ ވާހަކަތަކަށް އާޒިމް ރައްދުދެއްވަމުން ވިދާޅުވީ ޑރ. ޖަމީލަކީ ބަހާއި ދުލުގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއްކަމަށާއި ޖަމީލު ދައްކަވާ ވާހަކަ އަޑުއަހާނެ ސުއިއްޕެއްވެސް މިއުޑު ދަށުގައި ނުހުންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން